މަދަރުސާއަކީ ދަރީންގެ ދެވަނަ ހިޔާވައްސެއް ކަމަށާއި، އެ ކުދީންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާ ހަރުދަނާކޮށް، އިސްލާމީ އުޞޫލުތައް ބިނާކުރާ ތަނަކީ މަދަރުސާ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢަކީ "ތަރައްޤީގެ އަސާސަކީ، ތަޢުލީމާއި ތަރުބިޔަތު"، މިއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ މާތްﷲ ގެ އަމުރުފުޅާ އެއްގޮތްވާ ގޮތުގެ މަތީން، މާތް ނަބިއްޔާ ތަޢުލީމު ފެތުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމަށާއި، މުސްލިމުންގެ ހިތްތަކުގައި ކީރިތި ރަސޫލާ އިންދަވައިދެއްވި ޢިލްމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، ޒަމާނާއި ޙާލަތާ ފައިހަމަވާ ބަޔަކު ބިނާކުރި، އުފެއްދުންތެރި އުއްމަތަކަށް އިސްލާމީ އުއްމަތް ވި ކަމަށާއި، އިސްލާމީ ތަޢުލީމު އާންމުވުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްހަމަސްލަސްކަން ޤާއިމްވި ކަމަށެވެ.
މިއަދުގެ ޚުޠުބާގައި ވަނީ މި ފެށުނު ދިރާސީ އަހަރު އިސްލާމް ދީނާއި ދުނިޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ ގަދައަޅައި މަސައްކަތް ކުރުމަށާއި، ދުނިޔެއާއި އާޚިރަތަށް ފައިދާހުރި ޢިލްމީ ހަރަކާތްތަކުން ހުސްވަގުތު ފަޅުފިލުވުމަށް ނަސޭހަތްތެރިވެފައެވެ.
"ކުތުބުޚާނާތަކުގެ ފޮތްތަކާއި، ލެބޯޓަރީގެ ސާމާނުތަކާއި. ތައުލީމީ ވަސީލަތްތަކުގެ ބޭނުން، ހެޔޮ ގޮތުގައި ހިފައިގެންނެވެ. ތިޔަ ކުދީންގެ މައިންބަފައިންނަށް އިޙްތިރާމްކޮށްގެންނެވެ. ލޮބުވެތި މުދައްރިސުންނަށް ޙައްޤުވާ ޤަދަރާއި އިޙްތިރާމު އަދާކޮށްގެންނެވެ."، ޚުޠުބާގައ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މުދައްރިސުން ކުރައްވާ މަސައްކަތަކީ ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅު ކަމަށާއި، އެ ބޭކަލުން ފޮނުއްވުނީ މީސްތަކުންނަށް ހެޔޮ ކަންތަކަށް އަމުރުކުރައްވައި ނުބައި ކަންތަކާ ދުރުހެލިވުމަށް އިރުޝާދު ދެއްވާ ބޭކަލުންގެ ގޮތުގައި ކަމަށާއި، ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރާއި، ނަރަކައިގެ ބިރުވެރިކަމުގެ އިންޒާރު ދެއްވާ ބޭކަލުންގެ ގޮތުގައި ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ ދަރީން ތަރުބިއްޔަތުކޮށް، ދިވެހިރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ބަޔާންކުރާ ފަދައިން، އިސްލާމްދީނަށާއި ޤައުމަށް ވަފާތެރި، ފައިދާހުރި ބަޔަކަށް އެ ކުދީން ހެދުމުގައި، އެދުރުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، މިފަދަ ތަރުބިއްޔަތެއް އެ ކުދީންނަށް ދެވޭނީ ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއެކު، އެ މަސްއޫލިއްޔަތު އަދާކުރައްވައިގެން ކަމަށެވެ.
"ތިޔަ ޢިއްޒަތްތެރި އެދުރުން ކިޔަވައިދެއްވާ ކުދިން، ނަމޫނާއަކަށް ބލާނީ، ތިޔަ އެދުރުންކަން ހަނދުމަފުޅު ބަހައްޓަވާ"، ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޚުޠުބާގައި ވަނީ ދަރީންނަށް ތަޢުލީމުދީ، އެ ކުދީން ތަރުބިއްޔަތު ކުރުމަށްޓަކައި ބެލެނިވެރީން ކުރާ މަސައްކަތަށް ތަޢުރީފު ޙައްޤު ކަމަށާއި، ކުދީންތައް ބޭނުންތައް ފުރިހަމަކޮށްދީގެން ކޮންމެ ދުވަހަކުވެސް އެ ކުދީން ސްކޫލަށް ގެންގޮސް ގެނައުމުގެ ބުރަ މަސައްކަތް ކުރާ މަންޒަރަކީ އުފާވެރި މަންޒަރެއް ކަމުގައި ވިދާޅުވެފައެވެ.
"ދަރީންނަކީ މާތްﷲ އަހަރެމެންނާ ހަވާލުކުރައްވާފައިވާ އަމާނާތެއް. މިއަދު އެ ކުދީން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެނަމަ، މާދަމާ އެ ކުދީންގެ މަންފާ އަހަރެމެންނަށް ކުރާނެ"، ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން