Saturday, October 31
މާމިގިލީ ފުލުހުންގެ މަރުކަޒު ބިނާކުރުމަށް ވިލާ ފައުންޑޭޝަނާ ހަވާލުކޮށްފި

އދ. މާމިގިލީގައި ފުލުހުންގެ މަރުކަޒު ބިނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ވިލާ ފައުންޑޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށް، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.

މާމިގިލީގައި އިއްޔެ ބޭއްވި ޅާއްޞަ ރަސްމިއްޔާތެއްގައި، ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރައްވައި، ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ވިލާ ފައުންޑޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއަރމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމެވެ.

މި މަރުކަޒުގައި އޮފީސް އިމާރާތާއި، ފުލުހުންގެ އެކަމޮޑޭޝަން އަދި މެސްރޫމް ވެސް ހިމެނެއެވެ. މި އިމާރާތް ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައެވެ.

މާމިގިލީ ފުލުހުންގެ މަރުކަޒު ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ އިއްޔެ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ވިލާ ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުންނެވެ.

ވިލާ ފައުންޑޭޝަންގެ ސްޕޮންސަރޝިޕްގެ ދަށުން، ޤާސިމްގެ އުފަން ރަށް، އދ. މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢުގެ އަރިހުގައި އެދިވަޑައިގެންނެވީ މިދިޔަ ފެބުރުވަރީ މަހުގެ ފަހުކޮޅުއެވެ.

ސީޕީ ޝުޖާޢުއަށް އެޑްރެސްކުރައްވައި ޤާސިމް ފޮނުއްވި ސިޓީގައި ވިދާޅުވީ، މާމިގިއްޔަކީ އެ ސަރަހައްދުގެ ހަތަރު އަތޮޅަށް ބަލާއިރުވެސް ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުން އެންމެ ބޮޑު ކަމަށްވެފައި، އެ ރަށުގައި ބައިނަލްއަޤްވާމީ އެއާޕޯޓެއް ޤާއިމްވެފައިވާއިރު، އެ ރަށުގެ ވަށައިގެން ގިނަ އަދަދެއްގެ ރިސޯޓުތަކެއް ހިންގާތީ ޚިދުމަތް ހޯދަން ގިނަ ބަޔަކު މާމިގިއްޔަށް ޒިޔާރަތްކުރާ ކަމަށެވެ. އަދި ވަޒީފާއާއި އެކިއެކި މަސައްކަތްތެރިން ހިމެނޭހެން މާމިގިލީގައި ދިރިއުޅޭ އާބާދީއަކީ ބޮޑު އާބާދީއެއްކަން ޤާސިމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ، އދ. އަތޮޅުގެ ކްރައިމް ރޭޓު އެންމެ މަތި ރަށަކަށް މާމިގިލިވެފައިވުމާއެކު، ފުލުހުންގެ ޚިދުމަތް ދިނުމަށް ސަރަހައްދީ ފެންވަރުގެ މަރުކަޒެއް އެ ރަށުގައި ހުންނަންޖެހޭ ކަމަށް އެކި ފަހަރު މަތިން ވަނީ ވާހަކަދެކެވިފައެވެ.

އެގޮތުން މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އެޅުމަށް މިދިޔަ ފަސް އަހަރުގައިވެސް ބަޖެޓުގައި ހިމަނާފައި ވީނަމަވެސް، މިއަދާ ހަމައަށްވެސް އެ މަސައްކަތް ފެށިފައި ނުވާތީ، މާމިގިލީގެ ފުލުހުންގެ މަރުކަޒު އެޅުމަށް އުޅެމުންދާ ދަތި ހާލު ވަޒަންކުރެއްވޭ ކަމަށް ޤާސިމް ވިދާޅުވިއެވެ.

އެހެންކަމުން، ސީޕީ ހުއްދަ ދެއްވައިފިނަމަ، މާމިގިލީގައި އެޅުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު ވިލާ ފައުންޑޭޝަންގެ ސްޕޮންސަރޝިޕްގެ ދަށުން އިމާރާތް ކުރުމަށް ނިންމަވާފައިވާ ކަމަށް ޤާސިމް ވަނީ އެ ސިޓީގައި ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު