Saturday, October 31
ސިއްހީދާއިރާގެ އުމްރާނީ ތަރައްގީގެ 26 މަޝްރޫއެއް އަތޮޅުތެރޭގައި ހިންގަން ހަވާލުކޮށްފި

އަތޮޅުތެރޭގައި ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ 26 މަޝްރޫއެއް ހިންގުމަށް މިހާރުވަނީ ހަވާލުކުރެވިފައިކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އާބާދީ ބޮޑު ސަރަހައްދުތަކުގެ ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ އިތުރުން 10 ރަށެއްގައި މުޅިން އަލަށް ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިގޮތުން ހުޅުމާލެ އަދި ވިލިމާލޭ ހޮސްޕިޓަލުގެ އިތުރުން ހދ.ކުޅުދުއްފުށި، ލ.ގަން، ރ.އުނގޫފާރު އަދި ގދ.ތިނަދޫ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަތަރު ރަށެއްގެ ސިއްހީ މަރުކަޒު އިތުރަށް ބޮޑުކުރުމުގެ މަސައްކަތާއި، އަށް ރަށެއްގެ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތައް ފެންވަރު މަތިކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ހަވާލުކުރެވިފައެވެ.

މީގެއިތުރުން، ކެންސަރު ބައްޔަށް ޚާއްސަ ހޮސްޕިޓަލަކާއި، އަންހެނުންނާއި ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. "ކެންސަރު ބަލީގެ ހޮސްޕިޓަލު އެޅުމަށް ބޭނުންވާ ފަންޑު ޔޫއޭއީން ހޯދުމުގެ މަސައްކަތް މިހާރު ފެށި، އެކަމާ ގުޅޭ އިދާރީ ކަންކަން ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އަދި ނޭޝަނަލް ހެލްތު ލެބޯޓަރީގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ޖާގަ ބޮޑު، ފެންވަރު ރަނގަޅު ތެލެސީމިއާ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު