Saturday, October 31
އަރަބިއްޔާ ސުކޫލުގެ އައު އިމާރާތުގައި 2027 ވަނަ އަހަރު ކިޔަވައިދޭން ފެށޭނެ: ރައީސް

އަރަބިއްޔާ ސްކޫލުގެ އައުއަރަބިއްޔާ ސުކޫލުގެ އައު އިމާރާތް އެޅުމަކީ އެ މަނިކުފާނުގެ ވައުދުފުޅެއް ކަމަށާއި އެއިމާރާތުގައި 2027 ގެ ދިރާސީ އަހަރަށް ކިޔެވުން ފެށުމަށް ރޭވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިކަން ރައީސް ހާމަކުރެއްވީ ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް 2026 ވަނަ އަހަރު ނިންމައި، 2027 ގެ ދިރާސީ އަހަރަށް ކިޔެވުން ފެށުމަށް ރޭވިފައިވާ ކަމަށެވެ.

އެގޮތުން އަރަބިއްޔާ ސްކޫލު އައުއިމާރާތުގެ ފައުންޑޭޝަން މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިހާރު އެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށާއި އަންނަ އަހަރު ނިމެންވާއިރަށް އެ އިމާރާތުގެ މަސައްކަތް ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށެވެ.

152 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އާރުސީސީ) އާއެވެ. މި މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.

"އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ނިމެންވާއިރަށް ނިންމުން އަމާޒަކީ. 2026 ނިމެންވާއިރަށް، ދެން 2027 ގެ ދިރާސީ އަހަރު ފެށޭއިރަށް އަރަބިއްޔާގެ ދާއިމީ ބޮޑު ސްކޫލަކަށް އިރާދަކުރެއްވިއްޔާ ބަދަލުވާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި 40 ކްލާސްރޫމް ހިމެނޭނެއެވެ. މީގެ އިތުރުން މުޅި އިމާރާތް އޭސީކުރެވި، އަންޑަގްރައުންޑް ޕާކިންގ ވެސް ހިމެނޭނެއެވެ. މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ ކުނިކޮށި ހުރި ސަރަހައްދު، 381 ނަންބަރު ކޮށީގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، އަރަބިއްޔާ ސުކޫލުގެ އައުއިމާރާތް އެޅުމަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން ށ. ކަނޑިތީމަށް ކުރެއްވި ޒިޔާރަތުގައެވެ. އެ ދަތުރުފުޅުގައި ކަނޑިތީމު ރައްޔިތުންނާ ބައްދަލުުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމްޑީޕީސަރުކާރުން އިސްލާމީ އަދި އަރަބި ތަޢުލީމު ފޯރުކޮށްދިނުމަށް ޚާއްޞަކުރެވިފައިވާ އަރަބިއްޔާ ސްކޫލާމެދު އިހުމާލުވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުއިއްޒު ވަނީ އަރަބިއްޔާ ސުކޫލުގެ އައު އިމާރާތެއް ގާއިމު ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައި ވައުދުވެވަޑައިގެންނެވިއެވެ.

ރައީސް މުއިއްޒު ހާމަކުރެއްވި ގޮތުގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 70 މިލިއަން ޑޮލަރުގެ 8 ސްކޫލުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި މާލޭގައި ދެވަނަ އޭލެވެލް ސްކޫލެއް ގާއިމުކުރުމާއި، ހުޅުމާލޭގައި އިތުރު ދެ ސްކޫލު އެޅުމުގެ މަސައްކަތް ހިމެނެއެވެ. މުޅި ޖުމްލަ 531 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު