Saturday, October 31
ކުލާސްރޫމްތަކާއެކު ސްކޫލްތަކުގެ ހޯލުތައްވެސް އޭސީކުރާނެ: ރައީސް

ސްކޫލްތަކުގެ ކުލާސްރޫމްތަކާއެކު ހޯލުތައްވެސް އޭސީކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓުގެ ތިންވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރަށްތަކަށް ވަޑައިގެންނެވިއިރު ކިޔަވާ ކުދިންގެ ފަރާތުން އެންމެ ގިނައިން އެދުނު ކަމަކީ ކުލާސްރޫމްތައް ފިނިކޮށްދިނުން ކަމަށާއި، މެނިފެސްޓޯގައި ހިމަނައި ހުރިހާ ކުލާސްތަކެއް އޭސީ ކުރުމަށް ނިންމެވި ކަމަށާއި، އޭސީ ކުރާއިރު އިއާދަކުރަނިވި ހަކަތައިން ކުރެވޭ ގޮތަށް އެކަން ގެންދަން ނިންމަވާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު އޭސީކުރަން ހުރީ 3،604 ކުލާސްރޫމް ކަމަށާއި، މި ކުލާސްރޫމްތައް މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އޭސީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު ހަމަ އެކަމާ ބެހޭ ފަންޑިންގ އިޝޫއެއްވެސް ނެތް. ގަތުމުގެ ޕްރޮކިއުމަންޓްގެ ތެރެއިން އެ ދަނީ. އަދި ބައެއް ތަންތާ، މިހާރު ގާތްގަނޑަކަށް 800 ވަރަކަށް އޭސީ ހަރުވެސް ކުރެވިއްޖެ"، ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އޭގެތެރެއަށް ސްކޫލްތަކުގެ ހޯލުތައް އޭސީކުރުންވެސް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހޯލުތައް އޭސީކުރުން ވަރަށް މުހިންމު ކަމަށާއި، ހޯލުތަކުގައި ކުދިންގެ ވަރަށް ބައިވަރު ހަރަކާތްތައް އޮންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ގިނަ ރަށްތަކުގައި ހޯލަކީ ހަމައެކަނި ސްކޫލްގެ ބޭނުމަށް ބޭނުންކުރާ ތަނެއް ނޫން ކަމަށާއި، ރައްޔިތުން އެއްވެގެން އެއްވެސް ކަހަލަ އިންޑޯ ހަރަކާތެއް ބޭއްވޭނެ ތަނެއްވެސް ނުހުންނަ ކަމަށާއި، އެފަދަ ކަމެއް ކުރަންވެސް ހުންނަނީ ސްކޫލްތަކުގެ ހޯލުތައް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން މިހާރު އެއަށް އިތުރު މިކޮށްލީ ހޯލުތައްވެސް. އެކަމަކު އެ ޓާގެޓް މިހާރު ހާސިލެއް ނުވާނެ. އެއީ ހަމަ އިތުރުވެގެންދާ މަސައްކަތެއް ވީމަ. އެކަމަކު މި އަހަރު ތެރޭ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކުލާހެއް އޭސީ ކުރެވި، އަދި އޭސީގެ ކަރަންޓަށް ބޭނުންވާ ހަކަތަ އިއާދަކުރަނިވި ސޯލަރ ޕަވަރ އިން ހަމަޖެހިގެންދާނެ"، ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު