Saturday, October 31
ކޮމިއުނިޓީ ރީ-އިންޓަގްރޭޝަންގެ ޚިދުމަތް 100 އަށްވުރެ ގިނަ ރަށުގައި ފަށައިފި

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް އަމިއްލަ ރަށުގައި ތިބެގެން ފަރުވާ ހޯދޭނެ މަގު ތަނަވަސްވެއްޖެއެވެ. ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިހާރު ވަނީ 100 އަށްވުރެ ގިނަ ރަށެއްގައި ކޮމިޔުނިޓީ ރީ-އިންޓަގްރޭޝަން ފަރުވާގެ ޚިދުމަތް ފަށާފައެވެ.

އެންޑީއޭ އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޚިދުމަތް ރަށްރަށުގައި ޤާއިމުކޮށްފައިވަނީ ކައުންސިލްތަކާއި ޞިއްޙީ މަރުކަޒުތަކާ ގުޅިގެންނެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ޤާއިމުކޮށްފައިވާ 4 މަރުކަޒަކުންނާއި ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުންވެސް މި ޚިދުމަތް ލިބެން ހުންނާނެއެވެ.

ކޮމިޔުނިޓީ ރީ-އިންޓަގްރޭޝަން ފަރުވާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ ފުރަތަމަ މަރުހަލާގައި ދެވޭ ޑިޓޮކްސިފިކޭޝަން ފަރުވާއެވެ. މި ފަރުވާއަކީ އިންސާނާގެ ހަށިގަނޑުގައި މަސްތުވާތަކެތީގެ ވިހަ ދުއްވާލުމަށް ބޭސް ބޭނުންކޮށްގެން ދެވޭ ފަރުވާއެކެވެ.

އެންޑީއޭ އިން ފާހަގަކުރައްވާފައިވާ ގޮތުގައި، މި އައު ނިޒާމުގެ ސަބަބުން ދިގު ކިއުގައި ތިބެން ނުޖެހި، އަމިއްލަ ރަށުގައި ތިބެގެން ފަރުވާ ލިބިގަތުމުގެ ފުރުސަތު ގިނަ ބަޔަކަށް ތަނަވަސްވެގެންދާނެއެވެ. މި ނިޒާމަކީ ރާއްޖޭގައި މުޅިން އަލަށް ޤާއިމުކުރެވިފައިވާ ނިޒާމެކެވެ.

މިހާރު ރާއްޖޭގައި މަސްތުވާތަކެތިން އަރައިގަތުމަށް ފަރުވާދޭ 6 ސެންޓަރެއް ހުރެއެވެ. ފަރުވާއަށް ބޭނުންވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ސަރުކާރުން ދަނީ ސެންޓަރުތަކުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ގޮތުން ހިންމަފުށީގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރަށް 1000 ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެންޑީއޭ އިން ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު