އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް އާއި އެ ހޮސްޕިޓަލުގެ އިސްވެރިން ބައްދަލުކޮށް މަޝްވަރާ ކުރައްވަފިއެވެ.
މި ބައްދަލުވުމުގައި ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ޑޮކްޓަރަށް ދެއްކުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މިހާރު ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ވެސް ހޮސްޕިޓަލުގެ ފަރާތުން މިނިސްޓަރާ ހިއްސާކޮށްފައިވެއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ގެ ވަޢުދުފުތަކާ އެއްގޮތަށް ޞިއްޙީ ދާއިރާގެ ކަންކަން ފުރިހަމަކުރުމަށްޓަކައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ހެލްތު މިނިސްޓްރީއާ ގުޅިގެން ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމްގެ އިތުރުން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އަބްދުއްރައްޒާޤް ހަލީމް އަދި ހެލްތު މިނިސްޓްރީއާއި އައިޖީއެމްއެޗްގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ކުރެވުނު މި މަޝްވަރާތަކަކީ ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.
މި ލިޔުން ކިޔާލުމުން