2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި އަދި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރުގެ ނައިބު، އަޙްމަދު ނިޒާމް ވިދާޅުވެއްޖެއެވެ.
ނިޒާމް މިހެން ވިދާޅުވީ ކޮލަމްބޯގައި ބޭއްވުނު ދެކުނު އޭޝިއާގެ ސަރަޙައްދީ "ޕްލާސްޓިކް-ފްރީ ރިވަރސް އެންޑް ސީސް" ބައްދަލުވުމުގައި ރާއްޖެ ތަމްސީލްކުރައްވައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މިގޮތުން ޕްލާސްޓިކް ނައްތާލުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ކުރިއަށް އޮތް ތަނުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ނާޒިމް ވިދާޅުވީ، 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި އަދި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. މީގެ އިތުރުން، ޕްލާސްޓިކް ނައްތާލުމަށް ރާއްޖެއިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި، ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ނާޒިމް ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެކުނު އޭޝިއާގެ އެހެން ޤައުމުތަކުގެ ތަޖުރިބާތައްވެސް ހިއްސާކުރެވުނެވެ. އަދި ސަރަޙައްދީ ފެންވަރުގައި ޕްލާސްޓިކް ތަޣައްޔަރު ކުޑަކުރުމަށް އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމާ މެދު މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމަކީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަސެޕް) އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޕްރޮޖެކްޓް ސަރވިސަސް (ޔުނޮޕްސް) ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.
މި ލިޔުން ކިޔާލުމުން