ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ (އެޝުއަރ) ޕްރޮޖެކްޓް ގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ 18 ރަށެއްގައި އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް (އީއެމްއެސް) އާއެކު 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) ޤާއިމްކުރުމަށް ޗައިނާގެ ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖޮއިންޓް ވެންޗަރގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޭއީ އިލެކްޓްރިކްގެ ޖެނެރަލް މެނޭޖަރ، ވެންގް ޔޮންގް އެވެ. އަދި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޠާރިޤު އިބްރާހީމެވެ.
މިގޮތުން ޤާއިމުކުރާ ސިސްޓަމްތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
- ހދ. ހަނިމާދޫ 2000 ކިލޯވޮޓް އަވަރ
- ށ. މިލަންދޫ 2500 ކިލޯވޮޓް އަވަރ
- ނ. ހޮޅުދޫ 1500 ކިލޯވޮޓް އަވަރ
- ނ. މަނަދޫ 3000 ކިލޯވޮޓް އަވަރ
- ނ. ވެލިދޫ 3000 ކިލޯވޮޓް އަވަރ
- ރ. އަލިފުށި 2000 ކިލޯވޮޓް އަވަރ
- ރ. ހުޅުދުއްފާރު 1500 ކިލޯވޮޓް އަވަރ
- ބ. ދަރަވަންދޫ 2500 ކިލޯވޮޓް އަވަރ
- ބ. ތުޅާދޫ 3000 ކިލޯވޮތް އަވަރ
- މ. މުލައް 2000 ކިލޯވޮޓް އަވަރ
- މ. މުލި 2000 ކިލޯވޮޓް އަވަރ
- މ. ވޭވައް 500 ކިލޯވޮޓް އަވަރ
- މ. ރަތްމަންދޫ 500 ކިލޯވޮޓް އަވަރ
- ތ. ގުރައިދޫ 2500 ކިލޯވޮޓް އަވަރ
- ތ. ތިމަރަފުށި 3000 ކިލޯވޮޓް އަވަރ
- ގއ. މާމެންދޫ 1000 ކިލޯވޮޓް އަވަރ
- ގދ. ފަރެސްމާތޮޑާ 3000 ކިލޯވޮޓް އަވަރ
- ގދ. ގައްދޫ 2500 ކިލޯވޮޓް އަވަރ
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ޠާރިޤު ވިދާޅުވީ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުކުރުމާއި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުން ކަމަށެވެ.
މީގެ އިތުރުން މި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުން މި ރަށްތަކުގައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމުން ގްރިޑް ސްޓެބިލައިޒް ކުރުމަށް މަގުފަހިކޮށްދިނުމާ އިތުރު ސޯލާ ޕީވީ ކެޕޭސިޓީ ވިއުގައަށް ގުޅުމަށް ފުރުޞަތު ފަހިވެގެން ދާނެ ކަމަށާއި، މަގޭ ސޯލަރ ޕްރޮގްރާމްގެ ދަށުންނާއި އަމިއްލަ ގޮތުން ގޭގޭގައާއި އިމާރާތްތަކުގެ ފުރާޅުގައި ސޯލަރ ޕީވީ ހަރުކުރުމަށްވެސް މަގުފަހިވެގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދު ސަލާމަތްކުރެވޭނެއެވެ.
މި ލިޔުން ކިޔާލުމުން