Thursday, November 5
ޕްރައިމަރީގައި ވާދަކުރަން އަދި ނުނިންމަން : ޑރ.ޝަމްހީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޑރ.ޝަމްހީދު ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވާކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފައި ވަނިކޮށް، ޕްރައިމަރީގައި ވާދަކުރަން އަދި ނުނިންމަވާ ކަމަށް ޑރ.ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޕްރައިމަރީގައި ވާދަކުރުމާ ގުޅޭގޮތުން ޑރ.ޝަމްހީދުގެ ބަހެއް ހޯދުމަށް ސަބަބު ނޫހުން ގުޅުމުން ވިދާޅުވީ އަދި އެގޮތަށް ނުނިންމަވާ ކަމަށާއި، ކުރައްވަނީ ހަމައެކަނި އެކަމުގެ ދިރާސާއެއް ކަމަށެވެ. 

މީގެ ކުރިން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވާދަކުރައްވާނެ ކަމުގެ އަޑުތައް ފެތުރިފައިވެއެވެ.

ޑރ. ޝަމްހީދަކީ 2012 ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އެމަނިކުފާނު ދަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރުކަމުގެ މަގާމު ފުރުއްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނެ ވަކި ތާރީހެއް އަދި ޔަގީން ނުވި ނަމަވެސް، ޕާޓީގެ އެތެރޭގެ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު