Saturday, October 31
ޗައިނާގެ މަޝްހޫރު އޮންލައިން މާކެޓްޕްލޭސް "ޓީމޫ" ރާއްޖެއަށް!

ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޕްލެޓްފޯމްކަމުގައިވާ "ޓީމޫ" އިން އެ ކުންފުނީގެ ވިޔަފާރި ދިވެހިރާއްޖެއަށް ފުޅާކޮށްފިއެވެ. އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުގައި މަޝްހޫރު މި މާކެޓްޕްލޭސް މިހާރު ވަނީ ދިވެހި ކަސްޓަމަރުންނާ ހަމައަށް ގެނެސްދީފައެވެ.

ޓީމޫއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އިލެކްޓްރޯނިކްސް، ފެޝަން، ގޭގެ ސާމާނު އަދި ޒީނަތްތެރިވުމަށް ބޭނުންކުރާ ތަފާތު އުފެއްދުންތައް ހިމެނެއެވެ. މި ހުރިހާ އުފެއްދުންތަކެއްވެސް ލިބެނީ ވަރަށް ވާދަވެރި އަގުތަކެއްގައެވެ. އަދި ޔޫސަރ-ފްރެންޑްލީ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އޯޑަރުކޮށް، ވަގުތުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވެއެވެ.

ޓީމޫއިން އޯޑަރުކުރާ ތަކެތި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފޯރުކޮށްދިނުމަށްޓަކައި، މޯލްޑިވްސް ޕޯސްޓާ ގުޅިގެން ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސާފައިވެއެވެ. މިގޮތުން ޕިކްޕޯސްޓް، ހޯމް ޑެލިވަރީ އަދި ކައުންޓަރ ޑެލިވަރީގެ ޚިދުމަތް ލިބެން ހުންނާނެއެވެ.

ޓީމޫގެ އެންމެ ޚާއްޞަ އެއް ސިފައަކީ ހުރިހާ އޯޑަރުތަކަށްވެސް ހިލޭ ޝިޕިންގގެ ޚިދުމަތް ލިބޭކަމެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް އެއްފަހަރާ ގިނަ އަދަދަކަށް ތަކެތި ގަތުމުގެ ބަދަލުގައި، ބޭނުން އިރަކު ބޭނުން އެއްޗެއް ގަތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ޕޯސްޓުން މަޢުލޫމާތު ދެއްވާގޮތުގައި، ރާއްޖޭގައި އީ-ކޮމާސްގެ ދާއިރާ އިތުރަށް ފުޅާކުރުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޗައިނާ، ތައިލެންޑް އަދި އިންޑިއާ ފަދަ ޤައުމުތަކުގެ އޮންލައިން ޕްލެޓްފޯމްތަކާއެކު އިތުރު އެއްބަސްވުންތަކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު