ޗައިނާގެ މުދަލުން 34 ޕަސެންޓުގެ "ރެސިޕްރޮކަލް ޓެރިފް" އެއް ނަގަން އެމެރިކާއިން ނިންމާފައިވާތީ އެ ނިންމުން ބަދަލުނުކޮށްފި ނަމަ އެމެރިކާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ޗައިނާއިން ދީފިއެވެ.
ގައުމުތަކުން އިމްޕޯޓުކުރާ މުދަލުން "ރެސިޕްރޮކަލް ޓެރިފް" ނެގުމަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ.
އިއްޔެ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރަމްޕް ވަނީ ގައުމުތަކުން ޓެރިފް ނެގުމާ ގުޅޭ ގަރާރެއްގައި ސޮއިކުރައްވާފަ އެވެ. އެއާއެކު އަލަށް ނަގާ ޓެރިފް ރޭޓުތައް އިއްޔެ އެމެރިކާ ސަރުކާރުން ވަނީ އާންމުކޮށްފަ އެވެ. ޓެރިފް ނެގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވަނަ ދުވަހުން ފެށިގެންނެވެ.
ވިޔަފާރީގެ ގޮތުން އެމެރިކާއާ އެންމެ ވާދަވެރި ޗައިނާއިން ނަގަން ނިންމާފައިވަނީ އެހެން ގައުމުތަކާ އަޅާބަލާއިރު ބޮޑު ޓެރިފެކެވެ. އެގޮތުން ކުރިން ނަގަމުން އައި 20 ޕަސެންޓުގެ ޓްރިފް އާއެކު އަލަށް ނަގަން ނިންމި 34 ޕަސެންޓު ޓްރިފްގެ ސަބަބުން ޗައިނާއިން އެމެރިކާއަށް މުދާ އިމްޕޯޓް ކުރާނަމަ ޖުމްލަ 54 ޕަސެންޓުގެ ޓެރިފެއް ނަގާނެ އެވެ.
މިކަމާއި ގުޅިގެން ޗައިނާގެ ކޮމާސް މިނިސްޓްރީން ވަނީ އެމެރިކާގެ ނިންމުމާ ޗައިނާއިން ދެކޮޅުހަދާ ކަމަށާއި ޗައިނާގެ ހައްޤުތަކާއި މަސްލަހަތުތައް ހިމާޔަތްކުރުމުގެ ގޮތުން އެމެރިކާއާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރުދީ ބަޔާނެއް ނެރެފައެވެ.
އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު އިގުތިސޯދު އޮތް ގައުމެވެ. އެ ގައުމުގެ ފަހަތުން ދެވަނައިގައި އޮތީ ޗައިނާ އެވެ. ޗައިނާއިން އަހަރެއްގެ މައްޗަށް 400 ބިލިއަން ޑޮލަރުގެ މުދާ އެމެރިކާއަށް އެކްސްޕޯޓުކުރެއެވެ.
މީގެ އިތުރުން އެމެރިކާގެ ޑިއުޓީފްރީ އަށް ޗައިނާ އާއި ހޮންކޮންގް އިން އެތެރެކުރާ ދަށްފެންވަރުގެ މުދާ ވިއްކުމަށް ހުޅުވާލެވިފައިވާ ދޮރު ބަންދުކުރުމާއި ގުޅޭގޮތުންވެސް ޓްރަމްޕް ވަނީ އިއްޔެ ގަރާރެއްގައި ސޮއި ކުރައްވާފައެވެ.
ޓްރަމްޕް ވެރިކަމަށް އައި ފަހުން އެމެރިކާގެ އިމްޕޯޓް ޓެކްސްގެ ރޭޓް 22 ޕަސެންޓަށް ވަނީ އުފުލިފަ އެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 2.5 ޕަސެންޓުގަ އެވެ.
މި ލިޔުން ކިޔާލުމުން