Monday, November 16
ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އޯޓިޒަމް ހުންނަ ފަރާތްތަކުގެ ދައުރު މުހިންމު: ޚާރިޖީ ވަޒީރު
ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އޯޓިޒަމް ހުންނަ ފަރާތްތަކުގެ ދައުރު މުހިންމު ކަމުގައި ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ދުނިޔޭގެ އޯޓިޒަމް ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ އޯޓިޒަމް ހުންނަ ފަރާތްތަކަކީ، ޤައުމީ ތަރައްޤީގައި އިސްކަންދޭ ކަންތައްތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ، އަދި އަދާކުރަމުންދާ ބައެއް ކަމަށެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ އެ ފަރާތްތަކާމެދު ތަފާތުކުރުން ގެންގުޅުމާއި، ޚިދުމަތްތައް ހޯދުމުގައި ދިމާވާ ދަތިތައް ފަދަ ގިނަ ހުރަސްތަކެއް އަދިވެސް އެބަހުރި ކަމަށެވެ. ވަޒީރު ވަނީ މިއަދު ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރަމުންދާއިރު، ނިއުރޯޑައިވާސިޓީ ކުރިއަރުވާ ސިޔާސަތުތަކާއި އުސޫލުތައް ކުރިއެރުވުމަށް މަސައްކަތް ކުރުމަށާއި، ޚިދުމަތްތައް ހޯދުމުގައި ހަމަހަމަކަން ކަށަވަރުކޮށްދީ، އެންމެންނަށް ރަނގަޅު، އިންކްލޫސިވް އަދި ދެމެހެއްޓެނިވި މުސްތަޤުބަލެއް ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ. ދުނިޔޭގެ އޯޓިޒަމް ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤުޞަދަކީ، އޯޓިޒަމް ހުންނަ ފަރާތްތަކާ ބެހޭގޮތުން ދުނިޔޭގެ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމަށް ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު