Saturday, October 31
މިހާރު ހިންގަމުންދާ މަޝްރޫޢުތައް ކުރިއަށްގެންދާނީ މޫދަށް އެރުމަށް ޚާއްޞަކުރެވޭ ސަރަހައްދުތަކެއް ހިމަނައިގެން: ރައީސް

މިހާރު ހިންގަމުންދާ މަޝްރޫޢުތައް ކުރިއަށްގެންދާނީ މޫދަށް އެރުމަށް ޚާއްޞަކުރެވޭ ސަރަހައްދުތަކެއް ހިމަނައިގެން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައި ބިންހިއްކުމާއި އެފަދަ ތަރައްޤީގެ މަޝްރޫޢުތައް މިހާތަނަށް ހިންގާފައިވާއިރު، ރަށުގައި ޤުދުރަތީ ގޮތުން އުފެދިފައިވާ މޫދާއި ގޮނޑުދޮަށަށް ބަދަލުއައިސް، ރަށުގެ ރައްޔިތުންނަށް އެކަންކަން ގެއްލިފައިވާކަމުގެ ޝަކުވާ، ރައްޔިތުން، ޚާއްޞަކޮށް އިސްރަށްވެހިން ކުރައްވާފައިވާ ކަމަށެވެ.

އެހެންކަމުން ސަރުކާރުން މިހާރު ހިންގަމުންދާ މަޝްރޫޢުތައް ކުރިއަށްގެންދަވާނީ މޫދަށް އެރުމަށް ޚާއްޞަކުރެވޭ ސަރަހައްދުތަކެއް ހިމަނައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި، މިއަންނަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމަކާއި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ ސަބަބުން، ރައްޔިތުންގެ ޖިސްމާނީ، އަދި ނަފްސާނީ ޙާލަތު ރަނގަޅުވެ، ޢާއިލީ ގުޅުންތައް ހަރުދަނާވެގެންދާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަމަށްޓަކައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕާކުތައް އެޅުމުގެ އިތުރުން، މާލޭގެ ހަލާކުވެފައިވާ ޕާކުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ ތެރޭގައި، ސަލްޓަން ޕާކު މަރާމާތުކޮށް، އިތުރަށް ތަރައްޤީކޮށް، އެ ޕާކަކީ "އެޑްވެންޗެރަސް" އަދި އާންމުންނަށް ފަސޭހައިން ހަރަކާތްތެރިވެ އުޅެވޭނެ ތަނެއްގެ ގޮތުގައި ހެދުމަށް ނިންމާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ވަށައިޖެހޭ ޞިއްޙީ ޚިދުމަތުގެ ސިޔާސަތެއްގެ ދަށުން ރާއްޖޭގެ ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާއިރު، ރައްޔިތުންގެ ދުޅަހެޔޮ ކަމަށް ޚާއްޞަ އިސްކަމެއް ސަރުކާރުން ދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު