Saturday, October 31
ސަރުކާރުން ތަންފީޒުކުރަން މަސައްކަތް ކުރަނީ ވަށައިޖެހޭ ޞިއްޙީ ޚިދުމަތުގެ ސިޔާސަތެއް: ރައީސް

ސަރުކާރުން ތަންފީޒުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ވަށައިޖެހޭ ޞިއްޙީ ޚިދުމަތުގެ ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަދުގެ ޙާލަތު އޮތް ގޮތުން ރާއްޖެއިން ބޭރަށް ގޮސް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ޙާލަތްތައް މެދުވެރި ވާ ކަމަށާއި، އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ބަލިޖެހޭ ހިސާބުން، ރާއްޖޭގައި ތިބެގެން ފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮންނަންޖެހޭ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

މިއަދުގެ ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރާއްޖެއިން ބޭރަށް ނުގޮސް، ރާއްޖޭގައި ތިބެގެން ޞިއްޙީ ފަރުވާގެ ޚިދުމަތް ކަށަވަރު ކޮށްދިނުމުގެ އަމާޒަށް ވާޞިލުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، މި ރޮނގުން ކުރިއަށް ކުރައްވަން ހުރި ކަންކަން، ރައީސް ވަނީ ޙިއްޞާ ކުރައްވައިފައެވެ.

މިގޮތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މަރުކަޒުތަކުގެ ޚިދުމަތްތައް ފުޅާ ކުރެއްވުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި، ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައެއްހާ މީހުން ދިރިއުޅެމުންދަނީ މާލެ ސަރަޙައްދުގައި ކަމަށް ވާހިނދު، މާލެ ސަރަޙައްދަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަން ޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ. އެއީ ވަކި ރަށެއް ތަފާތު ކުރުން ނޫން ކަމަށާއި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކާއި ހަސްފަތާލުތައް ޤާއިމު ކުރެވި، ތަރައްޤީ ކުރެވޭނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ސަރުކާރުން ހިންގަވާ އެންމެ ބޮޑު ހަސްފަތާލު ކަމުގައިވާ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މަޢުލޫމާތު ޙިއްޞާ ކުރައްވާފައެވެ. އެގޮތުން، އައި.ޖީ.އެމް.އެޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުން 75 އެނދުގެ މަޝްރޫޢެއް ނިންމަވައި، ޚިދުމަތް ދެވެން ފަށާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުގައި ޖެނެރަލް ވޯޑުގެ ގޮތުގައި އިތުރު ކުރެވޭ 44 އެނދާއި، ހައި ޑިޕެންޑަންސީ ޔުނިޓް (އެޗް.ޑީ.ޔޫ) އެނދުގެ ގޮތުގައި އިތުރު ކުރެވޭ 15 އެނދާއި، 14 ޕްރައިވެޓް ޔުނިޓް ހިމެނެއެވެ.

ހަމަ މިއާއެކު، ޓާޝަރީ ފެންވަރަށް ބަދަލުކުރައްވާފައިވާ ހުޅުމާލޭ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީ ކުރައްވަމުން ގެންދަވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި ޗައިނާއިން ފޯރުކޮށްދެއްވާ ހިލޭ އެހީގެ ތެރެއިން، ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީ ކުރެއްވުމުގެ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މާލެ ސަރަޙައްދުގައި ވަކިވަކި ކަންކަމަށް ޚާއްޞަ ހަސްފަތާލުތައް ތަރައްޤީ ކުރެއްވުމަށްވެސް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ކެންސަރ ހޮސްޕިޓަލުގެ މަސައްކަތާއި، ތެލަސީމިއާއަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި ތަރައްޤީ ކުރައްވާ ހަސްފަތާލާއި، އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހަސްފަތާލެއްގެ މަސައްކަތްޕުޅު މި ދައުރުގެ ތެރޭގައި ކޮށްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު