Saturday, October 31
އަންނަ އަހަރުގެ ނިޔަލަށް ކޮންމެ ރަށެއްގައިވެސް އައުޓްޑޯ ޖިމެއް ޤާއިމުކުރެވޭނެ: ރައީސް

މިއަންނަ އަހަރުގެ ނިޔަލަށް ކޮންމެ ރަށެއްގައިވެސް އައުޓްޑޯ ޖިމެއް ޤާއިމުކުރެވޭނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ "ޕްރިވެންޓިވް ހެލްތު ކެއަރ" ނުވަތަ ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ޞިއްޙީ ދާއިރާއިން އިސްކަންދޭން ބޭނުންފުޅުވާކަމުގައި ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމުން ޖީލެއް ދުރުކުރެވުމަކީ ހަޤީޤަތުގައި، ޕްރިވެންޓިވް ހެލްތު ކެއަރގެ ތެރެއިން ހާސިލުކުރެވޭނެ އެންމެ ބޮޑު އަމާޒުކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި "ޕްރިވެންޓިވް ހެލްތު ކެއަރ" އަށް މަގުފަހިކުރުމުގެ ގޮތުން ތަރުކާރީއާ މޭވާގެ ބާވަތްތަކާއި، ރަނގަޅު ކާނާ ލިބޭނެ މަގުފަހިކޮށްދެއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މޫދު ކަސްރަތަކީވެސް ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެއްކަން ފާހަގަކުރައްވައި، މޫދަށް އެރޭނެ ތަންތަން ނެތް ރަށްރަށުގައި، މަޝްރޫޢުތައް ކުރިއަށްގެންދަވަނީ އެކި މަޝްރޫޢުތަކުގެ ތެރޭގައި މޫދަށް އެރޭނެ ތަންތަން ހިމަނައިގެން، ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު މިއަންނަ އަހަރުގެ ނިޔަލަށް ކޮންމެ ރަށެއްގައިވެސް އައުޓްޑޯ ޖިމެއް ޤާއިމުކުރެވޭނެ ކަމަށާއި، ކުޑަކުދިންވެސް ބޭރަށް ނުކުމެ ހަރަކާތްތެރިވެ އުޅުމަށާއި، އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް، ކުޑަކުދިންގެ ޕާކްތައް ހަދަމުންދާކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ސިކުނޑިއަށްވެސް ހަމަޖެހުން ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މި މަސައްކަތުގެ ތެރެއިން މާލޭގެ ހަލާކުވެފައިވާ ޕާކުތައް މަރާމާތުކޮށްދެއްވުމަށް ނިންމަވާފައިވާކަމަށާއި، ސަލްޓަން ޕާކް މަރާމާތުކުރުމަށް ކުރައްވާނެ މަސައްކަތްތަކުގެ ތަފްޞީލީ މަޢުލޫމާތުވެސް އެމަނިކުފާނު ވަނީ ޙިއްޞާކުރައްވާފައެވެ. މިގޮތުން އެ ޕާކް ތަރައްޤީ ކުރައްވާނީ "އެޑްވެންޗަރަސް" ކަންކަން ހިމަނައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ހިންގާ ކުޅިވަރާގުޅުންހުރި މަޝްރޫޢުތައް ހިންގަވަނީވެސް "ޕްރިވެންޓިވް ހެލްތު ކެއަރ"އަށް މަގުފަހިކުރުމުގެ މަޤްޞަދު ހާސިލުކުރެވޭނެ ގޮތަށްކަމަށެވެ.

މިއަދުގެ ޕޮޑްކާސްޓުގައި، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ހިންގޭ ޕަބްލިކް ހެލްތުގެ ކަންކަން ހަރުދަނާ ކުރެއްވުމަށާއި، ދަމަނަވެށީގެ ޚިދުމަތް ކޮންމެ އަތޮޅެއްގައި ދިނުމަށް، މަސައްކަތްޕުޅުތަކެއް ކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިއްޞާ ކުރައްވާފައެވެ.

އެގޮތުން މި ސަރުކާރުން ތަންފީޒުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ވަށައިޖެހޭ ޞިއްޙީ ޚިދުމަތުގެ ސިޔާސަތެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ކަންކަން މި ފަދައިން ކުރެވުމާއެކު، ޑޮކްޓަރަށް ދައްކަންޖެހޭވަރު މަދު ކުރެވި، ރާއްޖޭގައި ތިބެގެން ޞިއްޙީ ޚިދުމަތް ހޯދުމުގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދުގެ ޙާލަތު އޮތް ގޮތުން ރާއްޖެއިން ބޭރަށް ގޮސް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ޙާލަތްތައް މެދުވެރިވާ ކަމަށާ، ނަމަވެސް އެއީ ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރައްވައި، ބަލިޖެހޭ ހިސާބުން، ރާއްޖޭގައި ތިބިގެން ފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮންނަންޖެހޭ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު