އާދިއްތަ, November 15
މެންބަރުންގެ މުސާރައަށް ބަދަލު ގެނައުން ރަނގަޅީ އައު ދައުރަކާ ދިމާކޮށް: ފަލާޙް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައަށް ބަދަލު ގެނައުން ރަނގަޅީ އައު ދައުރަކާ ދިމާކޮށް ކަމުގައި ޕީއެންސީގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމަށް ގޮވާލައި ޗޭންޖު.އޯގް ގައި ފަށާފައިވާ ޕެޓިޝަނާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާޙް ވިދާޅުވީ އެއީ ގޯސް ޚިޔާލެއް ނޫން ކަމަށާއި، ނަމަވެސް އެމްޑީޕީގެ ސުޕަރމެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ފައިބައިގެން ދިޔައީ މެންބަރެއްގެ މުސާރަ 100،000ރ. އަށް ހަދަން ކަމާ ގުޅުންހުރި ކޮމިޓީން ފާސްކޮށްފައި ކަމަށެވެ. "އެކަން އެގޮތަށް ނުކުރަން އިރުޝާދުދެއްވީ އަޅުގަނޑުމެންގެ ރަޢީސް ރަޢީސް މުޢިއްޒު. ހަމަ އެއާއެކު އަޅުގަނޑުގެ ވިސްނުން ދަންނަވަން. މަޖިލިސް މެމްބަރުންގެ މުސާރައަށް ބަދަލުގެނައުން ރަނގަޅީ މަޖިލިސް ދައުރެއް ނިމި އާ ދައުރެއްގެ އިންތިޚާބަށް"، ފަލާޙް ވިދާޅުވިއެވެ. ފަލާޙް ވިދާޅުވީ މިގޮތަށް ވިސްނަވާ ސަބަބަކީ އެތައް މިލިއަން ރުފިޔާ ޚަރަދުކޮށް މަޖިލީހަށް ވަންނަ ތަނުން މުސާރަ ކުޑަކޮށްލުމުން އިިންތިޚާބަށް ނެގި ދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެ ކަމަށްވާތީ ކަމަށެވެ. އެހެންކަމުން އަލަށް 21 ވަނަ މަޖިލީހަށް މެންބަރަކަށް 5،000ރ. ކަނޑައެޅުމުން، އެމުސާރަ އޯކޭވެގެން ކުރިމަތިލާ މެންބަރުންނަކަށް ޝަކުވާ ކުރެވޭކަށް ނޯންނާނެ ކަމަށް ފަލާޙް ވިދާޅުވިއެވެ. "ހަމަ އެއާއިއެކު ކުރީގެ ރަޢީސުންގެ އިނާުަޔަތާމެދުވެސް ވިސްނާލުން މުހިންމު. ފަނޑިޔާރުންގެ ނަންވެސް ޕެޓިޝަނުގަ ޖަހާލިނަމަ ސަޅިވީސް އަދި ތަފާތު ދައްކަވާ އަދުގެ ޢިއްޒައިތްތެރި ރަޢީސް ރަޢީސް މުޢިއްޒު މުސާރައިގެ ދެބައިކުޅަ އެއްބައި ނަންގަވާ ކޮންމެ ކަމެއްގަވެސް ނަމޫނާ ދައްކަވާތީ ރަޢީސް އަށް ޚާއްސަ ޝުކުރެއް ދަންނަވަން"، ފަލާޙްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. މިހާރު ފަށާފައިވާ ޕެޓިޝަނުގައި ގޮވާލާފައިވަނީ ޤައުމުގެ އިޤްތިޞާދީ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، މެންބަރުންނަށް ދެވޭ ބޮޑެތި މުސާރައާއި އިނާޔަތްތައް ކުޑަކުރުމަށެވެ. މި ޕެޓިޝަނުގައި އެންމެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި މަޖިލިސް މެންބަރުންނަށް ދެވޭ ކޮމިޓީ އެލަވަންސް އެއްކޮށް ކަނޑާލުމަށް ގޮވާލާފައިވުމާއި، މެންބަރުންނަށް ލިބޭ ޕްރިމިއަމް ހެލްތު އިންޝުއަރެންސް ކަނޑާލައި، އާންމު ރައްޔިތުންނެކޭ އެއްހަމައަކުން އާސަންދައިގެ ޚިދުމަތް ދިނުމަށް ގޮވާލާފައިވެ އެވެ. އަދި ކުރީގެ މަޖިލިސް މެންބަރުންނަށް ދެވޭ އިނާޔަތްތައް ވެސް ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން، މަޖިލިސް މެންބަރުން ކުރާ މަސައްކަތާއި އެ ބޭފުޅުންނަށް ލިބޭ އާމްދަނީ ނުބައްދަލުވާ ކަމަށާއި، "އާންމު ރައްޔިތުންނަށް އެވްރެޖްކޮށް ލިބޭ އާމްދަނީއާ އަޅާބަލާއިރު މިއީ ތަފާތުކުރުން ބޮޑު، ބޭއިންސާފެއް" ކަމަށް ބަޔާންކޮށްފައިވެ އެވެ. މިހާރު މަޖިލީހުގެ މެމްބަރުންނަށް މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 62،000ރ. އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000ރ. އާ އެކު މަހެއްގެ މައްޗަށް 82،500ރ. ލިބެ އެވެ. މިދިޔަ ޖުލައި މަހު މަޖިލީހުގައި ކުރިއަށް ގެންދެވުނު ބަހުސެއްގައި ގިނަ މެންބަރުން ވަނީ މިހާރު ލިބޭ މުސާރައާއި އިނާޔަތްތައް ވެސް ކުޑަކަމަށް ފާހަގަކުރައްވާފައެވެ. މި ޕެޓިޝަނަކީ ޤައުމުގެ އިޤްތިޞާދީ ހާލަތަށް ރިޢާޔަތްކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައްޔިތުން ގޮވާލާ ގޮވާލުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު