Saturday, October 31
ސަގާފީ ހަރަކާތްތައް އިސްލާމީ އުސޫލުތަކާ ޚިލާފަށް ހިންގުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫން: ވަޒީރު

އިސްލާމްދީނުގެ ހަމަތަކާއި އުޞޫލުތަކުގެ ބޭރުން ސަގާފީ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމަށް ދިވެހިބަހާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އެ ހަރަކާތް ކުރިއަށްގެންދެވިފައިވަނީ ވުޒާރާއިން އެކުލަވާލި ޚާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ކޮމިޓީގައި ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތު ދުށް މީހުންނާއި ތާރީޚު ޢިލްމުވެރިން ހިމެނިވަޑައިގަންނަވާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވިގޮތުގައި، ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތުގެ ތަމްސީލު ހުށައަޅާއިރު، ޒަމާނަށް ފެއްތުމުގެ ގޮތުން ބައެއް ބަދަލުތައް ގެނައުމަށް ކޮމިޓީން ނިންމާފައިވެއެވެ. މީގެ ތެރޭގައި އިސްލާމް ދީނަށް ފުށުއަރާ ގޮތަށް އެ ޒަމާނުގައި ކުރި ބައެއް ކަންކަން ތަމްސީލުން އުނިކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުރީގައި ލޮންސި ވެރިން ތިބޭނީ މަތި ހަށި ހުހާއި. ފަހުން ފޮތި ލިބާސް ލާފައި. ޒަމާނަށް ވިސްނާފައި އަޅުގަނޑުމެން އިޚުތިޔާރުކުރީ އެ މީހުން ތިބޭނީ ފޮތި ލިބާސް ލައިގެން ކަމަށް. އަދި މި ހަރަކާތުގެ ތެރެއިން ޒިޔާރަތަށް ދިއުމާއި ހިތިގެ ހެދުންފަދަ ދީނާ ޚިލާފު ކަންކަން އުނިކުރިން،" ވަޒީރު ވިދާޅުވިއެވެ.

ދީނީ ހަމަތަކާއި އެއްގޮތަށް ކުރިއަށްގެންދިއުމަށްޓަކައި އުނިކުރެވުނު ކަންތައްތައް ފިޔަވައި، ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތުން ފެނުނު ހުރިހާ ކަމެއްވެސް އަސްލާ އެއްގޮތްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ތާރީޚީ ހަރަކާތްތައް ހުށައަޅައިދޭއިރު، ދީނީ ހަމަތަކާއި އުޞޫލުން ބޭރުނުވާނެކަން ކަށަވަރު ކުރައްވާނެ ކަމަށް ވެސް ވަޒީރު އިތުރަށް ވިދާޅުވިއެވެ.

ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތަކީ ދިވެހި ރަސްރަސްކަލުން ރޯދަމަހުގެ ތެރޭގައި ބާއްވަވާފައިވާ ހައިބަވަންތަ ރަސްމިއްޔާތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު