Saturday, October 31
ޙައްޖަށް ދިއުމަށް ފުރުޞަތު ލިބިފައިވާ ގިނަ ފަރާތްތަކެއްގެ ޕާސްޕޯޓު އަދިވެސް ނުލިބޭ: ޝަކީލް
މި އަހަރު ޙައްޖަށް ދިއުމަށް ފުރުޞަތު ލިބިފައިވާ ގިނަ ފަރާތްތަކެއްގެ ޕާސްޕޯޓު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް އަދިވެސް ލިބިފައި ނުވާ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ މި އަހަރުގެ ޙައްޖަށް ތައްޔާރުވުމުގެ ގޮތުން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ޙައްޖު ކޯޕަރޭޝަނުން ކުރަމުންދާއިރު މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ޙައްޖަށް ދިއުމަށް ފުރުޞަތު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބޭފުޅުންގެ ޕާސްޕޯޓް ޙައްޖު ކޯޕަރޭޝަނާ އަދިވެސް ހަވާލުކޮށްފައި ނުވުން ކަމަށެވެ. މީގެ އިތުރުން ޝަކީލް ވިދާޅުވީ ޙައްޖު ވިސާ އަށް މި ހަފްތާގައި ހުޅުވާލާނެކަމަށް އަންގާފައިވާއިރު، މި މުއްދަތުގެ ތެރޭގައި ޙައްޖު ކޯޕަރޭޝަނާ ޕާސްޕޯޓް ހަވާލު ނުކުރާ ފަރާތްތަކަށް ޙައްޖު ވިސާ ލިބުމުގައި ގޮންޖެހުން ތަކެއް އައުން އެކަށީގެންވާ ކަމަށެވެ. އަދި މި ފަދަ ހާލަތެއް މެދުވެރިވެ ޙައްޖު ވިސާ ނުލިބިއްޖެ ނަމަ އެފަރާތްތަކަށް ޙައްޖަށް ދިއުމަށް އޮތް ފުރުސަތު ގެއްލިގެންދާނެ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ. ޝަކީލް މިހެން ވިދާޅުވިއިރު، މި އަހަަރު ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނުގެ ކިޔޫގައި ޖެހިފައި ތިބި އެންމެންނަށް ޙައްޖަށް ދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ޙައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ކޯޓާ ދޫކުރުން ހުއްޓައިލާ ހައްޖަށް މީހުން ގެންދާ ހަމަައެކަނި ކުންފުނީގެ ގޮތުގައި ހައްޖު ކޯޕަރޭޝަން ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީން ނިންމީ ފާއިތުވި އަހަރުއެވެ.

ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށްފަހު ކިއުގައި ޖެހިގެން ތިބި ނަމަވެސް ކޯޓާ އެކި ކުންފުނިތަކަށް ބަހައިލުމުގެ ސަބަބުން ކިއުގައި ތިބޭ އެންމެނަށް ޙައްޖުވުމުގެ ފުރުސަތު ނުލިބޭތީ އަބަދުވެސް ގިނަ ބަޔަކު އައީ ޝަކުވާކުރަމުންނެވެ.

ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެންނެވުމަށް ރައީސް ވަނީ ނިންމަވާފައެވެ. ޙައްޖު ކޯޕަރޭޝަނުންގެ ކިޔޫގައި ތިބި މީހުންގެ ތެރޭގައި އަލަށް ޙައްޖަށް ދިއުމަށް އެދިފައިވަނީ 8623 މީހުންނެވެ. އެއީ 65 އަހަރުން ދަށުގެ 7150 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1370 މީހުން އަދި 75 އަހަރުން މަތީގެ 103 މީހުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު