ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ރ. މީދޫގައި ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއާއި މީދޫ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ މި ފޯރަމްގައި "ނަމާދަށް ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން" މި މަޢުޟޫއަށް ތަޤުރީރު ކުރައްވާނީ އައްޝައިޚް އާޒިމް ހާލިދުއެވެ.
މި އިޙްޔާ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 21:30 ގައި ކަމަށާއި، މި ފޯރަމް ވުޒާރާގެ ފޭސްބުކް ޕޭޖުންނާއި މުންނާރު ޓީވީން ލައިވްކުރާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އިޙްޔާ ފޯރަމްއަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ގުރުއަތުން ހޮވޭ ބޭފުޅުންނަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އެއް ވަނައަށް ދާ ފަރާތަކަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 1500 ރުފިޔާގެ ގިފްޓު ކާޑެއް، ދެވަނައަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 1000 ރުފިޔާގެ ގިފްޓު ކާޑެއް، ތިންވަނައަށް ދާ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 700 ރުފިޔާގެ ގިފްޓު ކާޑެއް އަދި ހަތަރުވަަނައަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 500 ރުފިޔާގެ ގިފްޓު ކާޑެއް ލިބޭނެއެވެ.
މީގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިނާމެއްގެ ގޮތުގައި ރިޔާޟުއްޞާލިޙީން އަދި ފިޤުޙުއްސުންނާ ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، މި އިނާމުތައް ދެނީ އަންހެން އަދި ފިރިހެން ވަކިން ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް، އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން 6 ސްކޫލްއަކާއެކު ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް މިއަހަރު އޮންނާނެއެވެ.
މި ލިޔުން ކިޔާލުމުން