ޣައްޒާގައި ހިނގަމުންދާ އަސްކަރީ ކެމްޕޭންގެ ތެރޭގައި މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހަމާސް އިން ހާމަކޮށްފިއެވެ. ހަމާސްގެ އަދަދުތަކުން ދައްކާ ގޮތުގައި މަރުވެފައިވާ މީހުންގެ އަދަދު 50،021 އަށް އަރާފައިވެއެވެ. މިއީ ހަނގުރާމައިގެ ކުރިން އެ ސަރަހައްދުގެ 2.3 މިލިއަން އާބާދީގެ ގާތްގަނޑަކަށް 2.1 އިންސައްތަ ނުވަތަ ކޮންމެ 46 މީހުންގެ ތެރެއިން ގާތްގަނޑަކަށް 1 މީހެކެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މި މުއްދަތުގައި އިތުރު 113،274 މީހަކަށް އަނިޔާވެފައިވެއެވެ. ނަމަވެސް އިސްރާއީލުން ދަނީ ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ޝާއިއުކުރާ މި އަދަދުތަކާ މެދު ތަކުރާރުކޮށް ދެބަސްވަމުންނެވެ.
ބައިނަލްއަގްވާމީ ނޫސްވެރިންނަށް މިނިވަންކަމާއެކު ޣައްޒާއަށް ވަނުމަށް އިސްރާއީލުން ހުރަސް އަޅާތީ، އެއްވެސް ފަރާތެއްގެ އަދަދުތައް މުސްތަގިއްލު ގޮތެއްގައި ޔަގީން ކުރެވޭ ގޮތެއް ނުވެއެވެ. އަދި މަރުވި މީހުންގެ އަދަދުގައި އާންމުންނާއި ހަނގުރާމަވެރިންގެ ތަފާތެއް ނެތްކަން ފާހަގަކުރެވެއެވެ.
ޖެނުއަރީ މަހު ދަ ލަންސެޓް މެޑިކަލް ޖާނަލް އިން ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި މަރުވި މީހުންގެ އަދަދު ހަގީގަތުގައި ހެލްތު މިނިސްޓްރީން ރިޕޯޓްކުރި ރަސްމީ އަދަދުތަކަށް ވުރެ 41 އިންސައްތައަށް ވުރެ ބޮޑުވެދާނެއެވެ.
މި ހަނގުރާމަ ފެށިގެން އައީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި ގާތްގަނޑަކަށް 1،200 މީހުން މަރުވެ، އިތުރު 251 މީހުން ރަހީނުކޮށްގެންނެވެ. މި ހަމަލާއަށް އިސްރާއީލުން ދިން ޖަވާބުގެ ގޮތުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މިހާރު އެތައް ހާސް ބަޔަކު މަރުވެ، ލައްކައަކަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ބެލެވެއެވެ.
މި ލިޔުން ކިޔާލުމުން