ތުރުކީގެ އިސްތަންބޫލްގެ މޭޔަރު އެކްރެމް އިމާމޮގްލޫ ޝަރީއަތް ނިމެންދެން ޖަލަށް ލުމަށް އެ ގައުމުގެ ކޯޓަކުން އާދީއްތަ ދުވަހު ނިންމައިފިއެވެ. ކޮރަޕްޝަނުގެ ތުހުމަތާއި ޓެރަރިޒަމްގެ ތުހުމަތުގައި މިގޮތަށް ނިންމާފައިވާއިރު ތުރުކީގެ އިދިކޮޅު ފަރާތްތަކުންނާއި ބައިނަލްއަޤްވާމީ މުޖުތަމައުގެ ފަރާތްތަކުން ދަނީ މިކަމަށް ފާޑު ކިޔައި މިކަން ކުށްވެރި ކުރަމުންނެވެ.
54 އަހަރުގެ އިމާމޮގްލޫ ޖަލަށް ލުމަށް ނިންމި ނިންމުމަކީ ސިޔާސީ އަދި ޑިމޮކްރެޓިކް ނޫން އަމަލެއް ކަމަށް ބުނެ، އިދިކޮޅު މައި ޕާޓީއާއި ޔޫރަޕްގެ ލީޑަރުންގެ ފާޑުކިއުން ތުރުކީގެ ސަރުކާރަށް ވަނީ އަމާޒުކޮށްފައެވެ.
މި ނިންމުމަކީ 22 އަހަރު ވަންދެން ތުރުކީގައި ވެރިކަން ކުރަމުން އަންނަ އުރުދުޣާންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތައް ބާރުއަޅަމުންދާ ކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ.
އިމާމޮގްލޫގެ ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އިން ބުނާ ގޮތުގައި، ގާތްގަނޑަކަށް ޕާޓީގެ 15 މިލިއަން މެމްބަރުންނާއި މެމްބަރު ނޫން ފަރާތްތަކުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިމާމޮގްލޫ އެންޑޯސް ކޮށްފައިވެއެވެ. މީގެ ތެރެއިން 13 މިލިއަނަށް ވުރެ ގިނައީ މެމްބަރުން ނޫން ފަރާތްތައް ކަމަށް ވުމުން، އިމާމޮގްލޫއަށް އާންމުންގެ ފުޅާ ތާއީދެއް ލިބިފައިވާ ކަމަށް ދޭހަވެއެވެ.
އިމާމޮގްލޫ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ދޮގުކޮށްފައެވެ. އަދި މުޅި ގައުމުގައި މުޒާހަރާ ކުރުމަށް ގޮވާލާފައެވެ.
ތުރުކީގައި މިހާރުވެސް މުޒާހަރާ ކުރަމުންދާއިރު މި ހާދިސާއާ ގުޅިގެން ތުރުކީގެ ސިޔާސީ މަޝްރަހު އިތުރަށް ހޫނުވެ، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އިހުތިޖާޖުތަކާއި ހަލަބޮލިކަން އުފެދުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެއެވެ.
މި ލިޔުން ކިޔާލުމުން