Saturday, October 31
ކަނޑު އުޅަނދުތައް ފަޅުގައި އަޅާފައި އޮންނައިރުވެސް ފަޅުވެރިން ތިބުން ލާޒިމްކޮށްފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެ އުޅަނދެއް ބެލެހެއްޓުމަށްޓަކައި ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުން ލާޒިމް ކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިގޮތަށް ނިންމާފައިވަނީ މިހާރަކަށް އައިސް ކަނޑު އުޅަނދުފަހަރު ފަޅުތެރޭގައާއި ކަނޑުގެ ސަރަހައްދުގައި ނަގިލި ލުމަށްފަހު އުޅަނދު ބެލެހެއްޓުމަށްޓަކައި އެއްވެސް ފަޅުވެރިއެއް އުޅަނދުގައި ނެތި އުޅަނދު ދޫކޮށްލާފައި ދިއުމުގެ ސަބަބުން ތަފާތު ނުރައްކާތެރި ހާދިސާތައް ދިމާވެ މީހުންގެ މުދަލަށް ގެއްލުން ވަމުންދާކަން ފާހަގަކުރެވިފައިވާތީއެވެ.

އެ ވުޒާރާއިން ވަނީ މިގޮތަށް ނަގިލި ލާފައި އުޅަނދު ބެލެހެއްޓުމަށްޓަކައި ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތްނަމަ އެ އުޅަނދުގެ ވެރިފަރާތަކާމެދު "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު" ގެ 44 ވަނަ މާއްދާގެ "ފ" ގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށްވެސް ބުނެފައެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފެށުމުން ކަނޑުގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުވެ، އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށާއި އަދި ފަޅުވެރިން އުޅަނދުގައި ތިބުމުން އުޅަނދުފަހަރަށާއި އެހެނިހެން މުދަލަށް ލިބޭ ގެއްލުން މަދުވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު