މި އަހަރުގެ ދުނިޔޭގެ ވައިލްޑްލައިފް ދުވަހާ ގުޅިގެން ފޮޓޯނެގުމުގެ މުބާރާތެއްގައި ބައިވެރިވުމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ބުނީ މި މުބާރާތަކީ ދިވެހިރާއްޖޭގެ މުއްސަނދި ތިމާވެއްޓާއި ޤުދުރަތީ ރީތިކަން ފޮޓޯއިން ދައްކުވައިދިނުމާއި، ދިވެހިރާއްޖޭގެ ދިރުންތަކާއި އެތަކެތީގެ ވެށްޓާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި އާންމުކޮށް ހުޅުވާލާފައިވާ މުބާރާތެއް ކަމަށެވެ.
މި އަހަރުގެ ދުނިޔޭގެ ވައިލްޑްލައިފް ދުވަހުގެ ތީމާ ގުޅުވާލައި ހުޅުވާލާފައިވާ މި މުބާރާތުގެ ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައި ވާންޖެހެއެވެ. މި މުބާރާތަށް ފޮޓޯ ހުށަހެޅުމަށް ހުޅުވާލާފައިވާ ތިންދާއިރާއަކީ 'ވައިލްޑްލައިފް'، 'އޭރިއަލް (ޑްރޯން)'، އަދި 'ހެބިޓެޓްސްއެވެ'.
ކޮންމެ ކެޓަގަރީއަކުންވެސް ވަކިވަކިން ވަނަ ހޮވާ މި މުބާރާތުގައި ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި ޑްރޯން އަދި ކެމެރާ ފަދަ ފޮޓޯނެގުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ.
މީގެ އިތުރުން މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން ހޮވާލެވޭ އެންމެ މޮޅު 10 ފޮޓޯތައް އާންމުކޮށް ދެއްކުމަށްޓަކާއި ފޮޓޯ މަޢުރަޒެއް ބޭއްވުމާއި އެކު 'އީ-ބުކްލެޓެއްގައި' ޝާއިޢު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
މި މުބާރާތައް ހުށަހަޅާ ފޮޓޯތައް ވަޒަންކޮށް މާކްސް ދިނުމުގެ މިންގަނޑުތަކުގެ ތެރޭގައި ފޮޓޯގެ ފަންނީ ފެންވަރު، ކޮމްޕޮޒިޝަން، ފޮޓޯއިން ބުނެދޭ ނުވަތަ ދައްކުވަދޭ މެސެޖު/އަސަރު، އަޙްލާގީ މިންގަނޑުތައް، އަދި މުބާރާތުގެ ތީމާއާއި ގުޅޭ މިންވަރު ހިމެނެއެވެ. އަދި ހުށަހަޅާ ފޮޓޯއަކީ ދިރޭތަކެއްޗާއި އެތަކެތީގެ މާހައުލަށް ގެއްލުމެއް ނުވަތަ އުނދަގުލެއް ވާފަދަ ގޮތަކަށް ނަގައިފައިވާ ފޮޓޯއަކަށް ވެގެން ނުވާނެއެވެ. މީގެ އިތުރުން، ފޮޓޯނެގުމުގައި ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓުމުގެ ޤާނޫނު، މަސްވެރިކަމުގެ ޤާނޫނު، އަދި ހިމާޔަތް ކޮއްފައިވާ ބާވަތްތަކާބެހޭ ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރަންވާނެއެވެ.
މި މުބާރާތަށް ފޮޓޯ ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އޭޕްރިލް 3 ވަނަ ދުވަހުގެ 12:00 އަށެވެ. ފޮޓޯތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށެވެ.
މި ލިޔުން ކިޔާލުމުން