Saturday, October 31
ފަހު 10ގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތަކަށް ބަދަލު ގެނެސްފި

ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކަކަށް ވުމާ ގުޅިގެން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކަށް ވަގުތީ ބަދަލުތަކެއް ގެނެސްފިއެވެ.

އެގޮތުން އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްތަކާއި، ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި 5 މާރިޗު 2025 އިން 20 އޭޕްރީލް 2025 އާ ދެމެދު މުއްދަތު ހަމަވާ އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްތަކުގެ މުއްދަތު 5 މެއި 2025 ގެ ނިޔަލަށް އިތުރުކުރެވޭނެއެވެ.

އަދި 5 މާރިޗު 2025 އިން ފެށިގެން މުއްދަތު ހަމަވާ ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތުވެސް 5 މެއި 2025 ގެ ނިޔަލަށް އިތުރުކުރެވޭނެއެވެ.

މީގެ އިތުރުން، އެ ވުޒާރާއަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކާ ގުޅިގެން ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅުމަށް 23 މާރިޗު 2025 އިން 30 މާރިޗު 2025 އަށް (ހުކުރު އަދި ހޮނިހިރު ފިޔަވައި) ހެނދުނު 11:00 އިން މެންދުރު 13:00 އަށް އުމަރު ޒާހިރް އިމާރާތުގެ ގްރައުންޑް ފްލޯގައި އެ ވުޒާރާއަށް ޚާއްސަކުރެވިފައިވާ ކައުންޓަރު ހުޅުވިފައި ހުންނާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ބުނީ މި މުއްދަތުގައި ކޯލް ސެންޓަރު ބަންދުވާނެ ކަމަށާއި، ނަމަވެސް މެރިޓައިމް ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ ޚިދުމަތްތަކާ ގުޅޭގޮތުން ކޮންމެހެން ގުޅަންޖެހޭ ޙާލަތްތަކުގައި ހެނދުނު 9:00 އިން މެންދުރު 13:00 އާ ދެމެދު 7212719 ނަންބަރަށް ގުޅުމަށްފަހު މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.

މި ބަދަލުތައް ގެނެވިފައިވަނީ ރަމަޟާންމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނަމަވެސް މި ދުވަސްތަކުގައި ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު