ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ "ޕޮލިސް ބޯޑު"ގެ އާންމު މެންބަރުކަމަށް މުޙައްމަދު ޞާދިޤާއި އަޙްމަދު މިޒްމާދު ޢައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޕޮލިސް ބޯޑަށް ޢާންމު ރައްޔިތުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދެ މެންބަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހަމަވީ މިދިޔަ މަހުގެ 24 ގައެވެ. މަޖިލީހުން ކުރި އިޢުލާނާ ގުޅިގެން ޕޮލިސް ބޯޑުގެ އާންމު މެންބަރުކަމަށް ހަތަރު ފަރާތަކުން ކުރިމަތިލެއްވިއެވެ.
މީގެ ތެރެއިން ޞާދިޤާއި މިޒްމާދު ޕޮލިސް ބޯޑަށް ޢައްޔަންކުރަން ފާސްވީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.
ޕޮލިސް ބޯޑަށް ޢައްޔަންކުރެވޭ މެންބަރުންނަކީ ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާކުރާ ބަޔަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި ޕޮލިސް ބޯޑަށް ޢައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ.
މި ލިޔުން ކިޔާލުމުން