Saturday, October 31
ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ވަޒީރު ޑރ. ހައިދަރާ ސުވާލުކުރުމަށް ހުށަހަޅައިފި
ލޯނު އަދި ސްކޮލަރޝިޕްތަކުގައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދިމާވާ ބައެއް ގޮންޖެހުންތަކާ ގުޅޭގޮތުން ދަރިވަރުން ހިއްސާކޮށްފައިވާ ޝަކުވާތަކާ ގުޅިގެން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދާ ސުވާލު ކުރުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ. މިގޮތުން ވަޒީރު ޑރ. ހައިދަރާ ސުވާލުކުރެއްވުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު، އަޙްމަދު އަޒާން މަރުޒޫޤެވެ. އަޒާން ވަނީ ދެ ކަމަކާ ގުޅޭގޮތުން ވަޒީރާ ސުވާލުކުރެއްވުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަޒާން ވިދާޅުވީ ސްޓޫޑަންޓް ލޯން އަދި ސްކޮލަރޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑް ފައިސާ ޖަމާކުރުމާއި ދައްކަންޖެހޭ ޓިއުޝަން ފީތައް ދެއްކުން ލަސްވާކަމުގެ ކަންބޮޑުވުމާއި ޝަކުވާ، ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ހިއްސާކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން، ސްޓައިޕެންޑް ފައިސާ ޖަމާކުރުމާއި ދައްކަންޖެހޭ ޓިއުޝަން ފީތައް ދެއްކުން ލަސްވަނީ ކީއްވެކަމާއި، އެގޮތަށް ލަސްވުމަށް މެދުވެރިވާ ސަބަބު ނައްތާލުމަށް ކުރެވިފައިވާ މަސައްކަތަކީ ކޮބައިކަން ސާފުކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް އަޒާން ވިދާޅުވެއެވެ. ދެވަނަ ކަމެއްގެ ގޮތުގައި އަޒާން ފާހަގަކުރެއްވީ، މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ދަރިވަރުން ފޮނުވާފައިވާ އީމެއިލް އަދި ސިޓީތަކަށް ޖަވާބުދިނުން ލަސްވާކަމުގެ ކަންބޮޑުވުމާއި ޝަކުވާ، ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބިފައިވާ މައްސަލައެވެ. އެގޮތުން އަޒާން ވަނީ ދަރިވަރުން ފޮނުވާފައިވާ އީމެއިލް އަދި ސިޓީތަކަށް ޖަވާބު ދިނުން ލަސްވަނީ ކީއްވެކަމާއި، އެކަން ހައްލުކުރެއްވުމަށް އަޅުއްވާފައިވާ އަދި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މި ސުވާލުތަކުގެ ޖަވާބު ހޯއްދެވުމަށް ވަޒީރަށް ފޮނުވި ނޯޓިސްފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 87 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، އެ ސުވާލުތަކުގެ ޖަވާބު ލިޔުމުން ފޮނުއްވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު