ދެ ފުޓުބޯޅަ ދަނޑާއި ފިޓްނަސް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
މިގޮތުން އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ކ. ދިއްފުށި އަދި ހއ. މުރައިދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތަކާއި، ށ. ބިލެއްފަހި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ގެ މަސައްކަތެވެ.
މިކަމާ ގުޅޭ އެއްބަސްވުންތަކުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރޓޑ) އަޙުމަދު ސައުދީއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ރަށް ރަށުގައި ހުއްޓިފައިހުރި ކުޅިވަރުގެ މަޝްރޫޢުތައް، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލްކޮށްގެން ފުރިހަމަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދުމުގެ ތެރެއިން ހަވާލުކުރެވުނު މަޝްރޫޢުތަކެކެވެ.
އެމްޓީސީސީ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ދިއްފުށީގެ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް 50 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. މީގެ އިތުރުން އެ ރަށުގެ ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިން ހޯދުންވެސް މި އެއްބަސްވުމުގައި ހިމެނޭ ކަމަށާއި، މި މަސައްކަތަށް 1.2 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އަދި މުރައިދޫގެ ދަނޑުގެވެސް ވަށާފާރާއި ދަނޑުގެ ފެންސުޖެހުމުގެ މަސަައްކަތް ފުރިހަމަކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ޑްރޭގް ބްރަޝް މެޝިން އާއި ބެންޗުތައްވެސް މި ކޮންޓްރެކްޓްގެ ދަށުން ހޯދަންޖެހޭއިރު، 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަސައްކަތަށް 1.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ށ. ބިލެއްފަހީގައި އެޅުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ)ގެ މަސައްކަތަކީ 4.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް ނިންމަން ޖެހެނީ ހަ މަސްދުވަހުގެ ތެރޭގައެވެ.
މި ލިޔުން ކިޔާލުމުން