އެމްޑީޕީގެ ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކުގައި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ)، ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކަ ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އިން ކުށްވެރިކޮށްފިއެވެ.
އެ ޖަމުޢިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަންދީ ދެއްކި ވާހަކައިގެ ސަބަބުން މައުސޫމް ކުއްޖެއްގެ ކަރާމާތަށް އަރައިގަނެފައިވާތީ، އެ ޖަމުޢިއްޔާއިން އެކަން ކުށްވެރިކުރާ ކަމަށެވެ.
ކެޕްސް އިން ބުނީ އިސްލާމް ދީނުގައިވެސް ކުދިންނަކީ ޚާއްޞަ އޯގާތެރިކަމެއް ދޭންޖެހޭ ބައެއް ކަމަށް ކަނޑައަޅުއްވާފައިވާއިރު، އަދި ހަނގުރާމަތަކުގައިވެސް ކުޑަކުދިން މެރުމަކީވެސް ކުށެއް ކަމުގައިވީހިނދު، އޭގެއިންވެސް ހާމަކޮށްދޭ ކަމަކީ ކުދިންގެ ކަރާމާތަށް ދީނުގައިވެސް ބާރުއަޅުއްވާފައިވާ މިންވަރު ކަމަށެވެ. ނަމަވެސް، މި ހުރިހާ ކަމަކަށް ގޮންޖަހައި އެމްޑީޕީން ދާދިފަހުން ބޭއްވި މުޒާހަރާއެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަނެ، އެކުއްޖާއާ ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް އާންމު ތަނެއްގައި ފެތުރި ފެތުރުން އެ ޖަމުޢިއްޔާއިން ކުށްވެރިކުރާ ކަމަށާއި، މިފަދަ ކަންކަމަކީ ސީރިއަސް ކްރައިމެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއް ކަމުގައި ދެކޭ ކަމަށް ކެޕްސްގެ ބަޔާނުގައި ބުނެފައިވެއެވެ.
"އެހެނީ އަޅާނުލައި ދޫކޮށްލައިފިނަމަ މިހާރަށްވުރެ ބޮޑަށް މިފަދަ ބޮޑެތި ކުށްތައް އާންމުވެގެންދާން ފުރުޞަތު އޮތަތީއެވެ."
މީގެ އިތުރުން ކެޕްސް އިން ބުނީ ސިޔާސީ ވާދަވެރިކަމެއް ކިތަންމެ ބޮޑަށް އޮތް ނަމަވެސް އަދި ސިޔާސީ ގޮތުން އެއް ބަޔަކު އަނެއް ބަޔަކަށް ކިތަންމެ ފާޑުކީ ކަމުގައިވިޔަސް، އެއްވެސް ފަރާތަކުން ކުޑަކުދިންނާ ގުޅޭގޮތުން އެފަދަ ވާހަކައެއް ދައްކައި ކުދިންގެ ޙައްޤާއި ކަރާމާތް ގެއްލުވާލުމަކީ އެއްވެސް މިންވަރަކަށް ތަހައްމަލް ކުރެވޭނެ އަދި ބަލަން ތިބެވޭނެ ކަމެއް ނޫން ކަމަށެވެ.
"މި މައްސަލައިގައި މު ޖަމުޢިއްޔާއިން ބަޔާން ނެރުނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް އަމާޒުކޮށް ދެއްކި ވާހަކައަކަށް ވީތީއެއް ނޫން. އެހެންނަމަވެސް އެ ބޭފުޅާއަކީވެސް ކުޑަކުއްޖެއް ކަމުގައި ވެފައި އެބޭފުޅާގެވެސް ޙައްޤަކާއި އަބުރަކާއި ޢިއްޒަތަކާއި އަދި ކަރާމާތެއް ވާނެތީ"، ކެޕްސް އިން ބުންޏެވެ.
ކެޕްސް އިން ބުނީ އެފަދަ ޙަޤީޤަތެއް ނެތް ވާހަކަތައް ދެއްކުމުގެ ސަބަބުން ނަފްސާނީ ގޮތުން މި ހާދިސާ ރައްދުވާ ކުއްޖާއާއި އެކުއްޖާގެ ޢާއިލާއަށް ވަރަސް ބޮޑަށް އަސަރުކުރާނެކަން ޔަޤީން ކަމަށްވާއިރު، ސިޔާސީ ބޭނުމެއްގައި ކުށެއް ނެތް މައުސޫމް ކުއްޖެއްގެ އަބުރު ކަތިލައި، ކަރާމާތް ގެއްލުވާލިކަމުގެ ކުށުގެ ދައުވާ މަންދީގެ މައްޗަށް އުފުލުމަށް ގޮވާލާ ކަމަށެވެ.
ކެޕްސް އިން ވަނީ މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ފުލުހުންނަށް ގޮވާލައިފައެވެ. އަދި ދައުވާކުރަންޖެހޭ ފަރާތްތަކަށް ދައުވާ ކުރުމަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައިދިނުން އަވަސްކޮށްދިނުމަށްވެސް އެ ޖަމުޢިއްޔާއިން ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަށް ގޮވާލައިފައެވެ.
"މި މައްސަލައިގައި އެ ހަރަކާތް އިންތިޒާމުކުރި ފަރާތާއި، އެވާހަކަ ދެއްކި ފަރާތުގެ އެ ޒިންމާދާރުކަން ކުޑަ ޢަމަލު އެންމެ ހަރުކަށި އިބާރާތަކުން ކުށްވެރިކޮށް ޖަމުޢިއްޔާގެ ހައިސިއްޔަތުން އެ މައްސަލައަށް ތަދައްޚުލުވުމަށް ވާންޖެހޭ ތައްޔާރީތައްވެސް ވަމުންދާ ވާހަކަ މި ފުރުޞަތުގައި ދަންނަވަން"، އެ ބަޔާނުގައި ކެޕްސް އިން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން