Saturday, October 31
މިދިޔަ އަހަރު އައިކޮމް އިން 245 މައްސަލައެއް ބަލައި ނިންމި

މިދިޔަ އަހަރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން 245 މައްސަލައެއް ބަލައި ނިންމާފައިވާ ކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.

މިގޮތުން އައިކޮމް އިން މިއަދު އާންމުކުރި އެ އޮފީހުގެ މިދިޔަ އަހަރުގެ އުސްއަލިތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އެ އޮފީހަށް 666 މައްސަލަ ހުށަހެޅުނުއިރު، ރަޖިސްޓްރީކޮށްފައި ވަނީ 566 މައްސަލައެކެވެ.

އަދި މިދިޔަ އަހަރުގެ މަޢުލޫމާތު ލިބުމުން 327 މައްސަލައެއް އަނބުރާ ނަގާފައިވާއިރު، މިދިޔަ އަހަރު ބަލައި ނިމިފައިވަނީ 245 މައްސަލައެކެވެ.

މީގެ އިތުރުން މިދިޔަ އަހަރު އެ އޮފީހުން ކުރިއަށްގެންދިޔަ ތަމްރީންތަކުގެ ތެރެއިން 173 އިދާރާއެއް ތަމްރީންކޮށްފައިވާއިރު، މި ޕުރޮގުރާމުތަކުގެ ތެރެއިން 944 ފަރާތަކަށް ވަނީ ތަމްރީން އަދި ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށްގެންގޮސްފައެވެ.

މީގެ އިތުރުން އައިކޮމް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް އެ އޮފީހުގެ "މަހޯލި ޕޯޓަލް" ގައި 356 އިދާރާއެއް ވަނީ ހިމަނައިފައެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން "އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް" ޤާއިމްކުރެވިގެންދިޔައީ 13 ޖުލައި 2014 ގައެވެ.

މިޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ޙައިޘިއްޔަތެއް ލިބިފައިވާ، އަދި ވަކި ސިއްކައެއް އޮންނަ، މިނިވަން ޤާނޫނީ ޝަޚްޞެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު