Saturday, October 31
ވިލިމާލޭގައި ގަސް އިންދުމުގެ ހަރަކާތްތަކެއް ފަށައިފި

ވިލިމާލޭގައި ގަސްއިންދުމުގެ ޚާއްސަ ހަރަކާތްތަކެއް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ހާމަކުރާ ގޮތުގައި ވިލިމާލޭގައި އިއްޔެ ފެށި ގަސްއިންދުމުގެ މި ޚާއްޞަ ހަރަކާތުގެ ތެރެއިން ޖުމުލަ 130 ގަސް ވަނީ އިންދާފައެވެ. އެއީ މޭވާ އަޅާ 70 ގަހާއި 60 މާގަހެވެ.

މިއަދު ކުރިއަށް ދިޔަ ގަސް އިންދުމުގެ ހަރަކާތަށް ފަހު މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ އެކި ސަރަޙައްދުތަކުގައި، ގަސް އިންދައި ފެހިކޮށް ރީތިކުރުމާއި، އިންދާފައިވާ ގަސްތައް ރީތިކުރުމަށް ގަސްކޮށައި ހެދުމަކީ، ކައުންސިލުން ވަރަށް އިސްކަން ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

އެގޮތުން، ވިލިމާލޭގައި ގަސް އިންދުމަށް ޚާއްޞަކުރެވިފައިވާ ގަސް ވަޅުތަކުގައި ގަސް ނުއިންދައި ޒަމާން ތަކެއް ވެއްޖެ ކަމަށާއި، މިފަހަރު ވިލިމާލޭގައި މި އިންދިގެންދާ ގަސްތަކުގެ ސަބަބުން އިތުރު އާރޯ ކަމެއް ވިލިމާލެއަށް ލިބިގެން ދިއުމަކީ ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވާނެ ކަމެއް ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ފަދަ އިތުރު ހަރަކާތްތައް ވިލިމާލޭގައި ކުރިއަށް ގެންދިއުމަކީ ސިޓީ ކައުންސިލްގެ އަމާޒެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު