އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރެހެންދީ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ސޯޝަލް މިނިސްޓްރީން ވިދާޅުވީ، އެވޯޑަށް ހުށަހެޅޭ ކެޓަގަރީއިން ރެހެންދި އެވޯޑަށް ހުށަހެޅޭނީ ޤާނޫނު ނަންބަރު 7/2010 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު"ގެ ދަށުން ކޮންމެ ރަށު ކައުންސިލަކާއި ކޮންމެ ސިޓީ ކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮންނަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކަމަށެވެ.
މި ކެޓަގަރީއިން ރެހެންދި އެވޯޑު ދިނުމުގައި ބަލާނީ ރަށް ނުވަތަ ސިޓީގެ ތަރައްޤީގެ ކަންކަމުގައާއި ކައުންސިލުން ދެމުންގެންދާ ރަށްވެހިކަމުގެ ޚިދުމަތްތަކާ ބެހޭގޮތުން ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް ލަފާ ދީފައިވާ މިންވަރާއި، ކައުންސިލުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި އަންހެނުންގެ ކުރިއެރުމަށް ބަދަލުގެނައުމަށް އިސްކަންދެވޭ ހަރަކާތްތައް ހިމެނުމަށް ކޮށްފައިވާ މަސައްކަތްތަކަށެވެ.
އަދި އަންހެނުންނާއި އަންހެން ކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމަށާއި ހޭލުންތެރިކަން އިތުރުކުރުވުމަށް ކުރެވިފައިވާ މަސައްކަތްތަކާއި، އެރަށެއްގެ އަންހެނުންގެ ޙާލަތު ރަނގަޅުކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި އެކަމުން އައިސްފައިވާ ބަދަލުގެ އިތުރުން، އަންހެނުންނަށް ލިބޭ ވަޒީފާއާއި ވިޔަފާރީގެ ފުރުޞުތުތައް ފަހިކޮށްދިނުމަށް ކޮށްފައިވާ މަސައްކަތްތަކާއި، އެރަށެއްގައި ސިޔާސީ ދާއިރާއިން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިފައިވާ މަސައްކަތްތައްވެސް ހިމެނެއެވެ.
މީގެ އިތުރުން ތައުލީމު ހާސިލުކުރުމުގައި އަންހެނުންނާއި އަންހެން ކުދިންނަށް ހުރި ހުރަސްތައް ނައްތާލާ ފުރުސަތުތައް ފަހިކޮށްދިނުމަށް ކޮށްފައިވާ މަސައްކަތްތަކާއި، މިންތީގެ ހަމަހަމަކަން ޤާއިމުކޮށް، އަންހެނުންނާއި ކުޑަކުދިންގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށާއި ކޮށްފައިވާ މަސައްކަތްތަކާއި، އަންހެނުންނާ ބެހޭ މުހިންމު މަޢުލޫމާތު އެއްކޮށް އަދި އެ މަޢުލޫމާތުގެ ބޭނުން ހިފާފައިވާ މިންވަރަށް ވެސް ބެލުމަށް ވަނީ ނިންމާފައެވެ.
ރެހެންދި އެވޯޑަށް އެދި ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 04 މެއި 2025 ވާ އާދިއްތަ ދުވަހެވެ.
މި ލިޔުން ކިޔާލުމުން