މައްޗަންގޮޅި ގެއެއް ބަލައިފާސްކޮށް ގަވާއިދާ ޚިލާފަށާއި ފިލައިގެން އުޅެމުންދިޔަ 32 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ އިމިގްރޭޝަން ވޮޗަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެން 5 މާރިޗު 2025 ގެ ރޭ މާލޭގެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. މިގޮތުން ފެބުރުވަރީ މަހު އިމިގްރޭޝަން ވޮޗަށް ލިބުނު މި ރިޕޯޓުގައި، މއ. ހިތިލާގެ 2 އިން އާންމު ގޮތެއްގައި ގަނޑުކުރި މަސް، ތަރުކާރީ އަދި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ މަންޒަރު އަބަދުވެސް ފެންނަ ކަމުގައި ވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ ގޭސްފުޅިތައްވެސް މި އިމާރާތަށް ގެންދާ ކަމަށާއި، މެންދުރު ކާ ގަޑިއަށް ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވަރކުރަން މި އިމާރާތަކުން މީހުން ނިކުންނަ މަންޒަރާއި، ޑެލިވަރީ ކުރަން ގެންގުޅޭ ސައިކަލުތައް އިމާރާތް ކައިރީގައި ހުންނަ ކަމަށް ރިޕޯޓުގައިވާ ކަމަށާއި، މިއީ ގިނަ އަދަދަކަށް އެއް ފަހަރާ ކެއްކުމުގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީންގެ ހުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ތަނެއްކަންވެސް އެ ރިޕޯޓުގައި ވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އާދައިގެ ގޮތަކަށް ޑެގު އަޅައިގެން ހަދާފައިވާ މި ހަތަރު ބުރީގެ ބާ އިމާރާތުގައި އުޅެމުންދިޔަ 77 ބިދޭސީންގެ ލިޔެކިޔުންތައް ޓާސްކްފޯހުން ހިންގި އޮޕަރޭޝަންގައި ޗެކުކޮށްފައިވާ ކަމަށެވެ.
މީގެ ތެރެއިން ޞައްޙަ ވިސާއެއް ނެތި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ މީހުންނާއި، ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ މީހުން ހިމެނޭހެން 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
އިމިގްރޭޝަނުން ވަނީ އިމިގްރޭޝަން ވޮޗު މެދުވެރިކޮށް މިފަދަ ރިޕޯޓުތައް ހުށަހަޅައި، އެ އިދާރާގެ މަސައްކަތަށް އާންމު ރައްޔިތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވައިފައެވެ.
މި ލިޔުން ކިޔާލުމުން