Monday, October 12
ތަކެތީގެ އަގު އެއްވަރެއްގައި ހިފަހައްޓައި ދިނުމަށް މިނިސްޓަރ އެދިވަޑައިގެންފި

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު / ފޮޓޯ: ރައީސް އޮފީސް

ރަމަޟާން މަހު އަމިއްލަ ވިޔަފާރިތަކުންވެސް ތަކެތީގެ އަގު ރައްޔިތުންނަށް ފޯރާ އަގެއްގައި ބަހައްޓައިދިނުމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު އެދިވަޑައިގެންފިއެވެ.

މުޙައްމަދު ސަޢީދު މިގޮތަށް އެދިވަޑައިގަތީ، ރަމަޟާން މަހަށް ސަރުކާރުން ވެފައިވާ ތައްޔާރީތަކާއި ގުޅޭގޮތުން، ދައުލަތުގެ މީޑިއާއިން ރޭ ގެނެސްދިން "ރޯދައަށް ތައްޔާރުވަމާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވަނީ ތަކެތީގެ އަގު ފޯރުންތެރި އަގެއްގައި ދަމަހައްޓަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި، ސަރުކާރާ ގުޅިގެން ވިޔަފާރިވެރިން ބައިވެރިވުމަށް އެދިފައެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން އަގުކުޑަކުރަން ކުރާ މަސައްކަތުގައި މިހާރުވެސް އަމިއްލަ ބައެއް ވިޔަފާރިތައް ބައިވެރިވާނެކަން އިއުލާންކޮށްފައިވާކަމަށެވެ. އެގޮތުން ތަރުކާރީއާއި މޭވާގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ވިޔަފާރިއަކުން ވަނީ އަގުހެޔޮކޮށް ތަކެތި ވިއްކާނެކަމުގެ ޔަގީންކަން ދީފައިކަމަށް ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ސަޢީދު  ވިދާޅުވީ، މި ރަމަޟާން މަހު އެއްވެސް މުދަލެއް ނުލިބި ދަތިވެއްޖެ ކަމުގައިވާނަމަ، ވައިގެ މަގުން ނުވަތަ ކަނޑުމަގުން ގެންނަން ޖެހުނަސް ގެންނާނެ ކަމަށެވެ.

ސަރުކާރުގެ ކުންފުނި އެސްޓީއޯއިން ވަނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ދިވެހިން އާއްމުކޮށް ބޭނުންކުރާ ގިނަ އަދަދެއްގެ މުދާ ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފަށައިފައެވެ. އެގޮތުން އެސްޓީއޯއިން ވަނީ ހަތަރު ދާއިރާއަކުން ގިނަ އަދަދެއްގެ ބާވަތްތައް ރަމަޟާން މަހާ ދިމާކޮށް އެސްޓީއޯއިން ރާއްޖެ އެތެރެކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު