އ.ދ ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާ ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) އަށް ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން ހުށަހެޅި ފުރަތަމަ 17 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން ހުށަހަޅާފައިވަނީ މިއަދެވެ. ރާއްޖެއަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން މި ޕްލޭން ހުށަހެޅި ހަތަރު ވަނަ ޤައުމުވެސް މެއެވެ.
އެ ވުޒާރާއިން ބުނީ މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަހުލުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމުގައި ދިވެހިރާއްޖޭގެ އިސްނަގާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
މިޕްލޭން ހުށަހެޅުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް 2035 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ތަޞައްވުރު ކަނޑައަޅައި، އަޅާނެ ފިޔަވަޅުތައް ދެނެގަތުމަށް މުހިންމު ކަމެކެވެ.
މި ޕްލޭންއަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޔޫ.އެން.އެފް.ސީ.ސީ.ސީގެ ޕެރިސް އެގްރީމެންޓްގެ ދަށުން ކޮންމެ ޤައުމަކުންވެސް ފަސް އަހަރަކުން އެއް އަހަރު ހުށަހަޅަންޖެހޭ ޕްލޭންއެކެވެ.
ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ޕްލޭންގައި މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ބިނާކޮށް 2035 ވަނަ އަހަރުގެ ނިޔަލަށް ޖައްވަށް ބޭރުކުރާ ވިހަގޭހުގެ މިންވަރު މަދުކުރުމަށް ކުރިއަށް ވުރެ ހަރުދަނާ މަސައްކަތްތަކެއް އަދި އައު ލަނޑުދަނޑިއެއް ވަނީ ކަނޑައަޅާފައެވެ. މިގޮތުން، ހަކަތައިގެ ދާއިރާއިންނާއި، ދަތުރުފަތުރުގެ ދާއިރާ އަދި ކުނި މެނޭޖްކުރުމުގެ ދާއިރާތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމަށް ކުރެވޭނެ މަސައްކަތްތައް ވަނީ ބަޔާންކޮށްފައެވެ.
އެ ވުޒާރާއިން ބުނީ ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު ކުޑަ ޤައުމެއް ކަމުގައިވިޔަސް، ރާއްޖޭގެ އައު ކްލައިމެޓް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަކީ ވަރަށް އުންމީދީ ލަނޑުދަނޑިތަކެއް ކަމަށެވެ. ނަމަވެސް، މި ލަނޑުދަނޑިތައް ޙާޞިލުކުރެވޭނީ މި ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ މިންވަރަށް މާލީ، ޓެކްނޯލޮޖީ، އަދި މި ކަން ތަންފީޒްކުރުމަށް ބޭނުންވާ މީހުން ބިނާކުރުމުގެ އިތުރުން އެހެނިހެން ވަސީލަތްތައް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން ލިބިގެން ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން މި ޕްލޭންގައި، މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ނޭދެވޭ އަސަރުތަކަށް ހޭނުން އިތުރުކުރުމަށާއި ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރެވޭނެ ގޮތްތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތަކެއް ވަނީ އެކުލަވާލާފައެވެ. މިގޮތުން، ދަނޑުވެރިކަމާއި ހަކަތައާއި ކާބޯތަކެއްޗާއި ފެނުގެ ޔަޤީންކަން، އިންފްރާސްޓްރަކްޗަރގެ ވިލުންތެރިކަން، ރަށް ގިރުމުގެ ސަބަބުން ދިމާވާ މައްސަލަތަށް ފިޔަވަޅު އެޅުން، އާންމުންނަށް ދުޅަހެޔޮ ސިއްހަތެއް ބިނާކުރުން، ފަރުތަކާއި ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުން، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތްތައް ވަރުގަދަކުރުން، ދުރާލާ އިންޒާރުދޭ ނިޒާމާއި މޫސުމަށް އަންނަ ބަދަލު މޮނިޓަރކުރުން، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި މެނޭޖްކުރުން، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ އިއާދަނުކުރެވޭ ގެއްލުން ފަދަ މުހިންމު ދާއިރާތަކުން ސިޔާސަތުތަކެއް ހުށަހަޅާފައިވާނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ މި އެކްޝަން ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް، ތަރައްގީގެ ޕްލޭންތަކާއި އެކި ދާއިރާތަކާއި ސިނާއަތްތަކުން އިސްކަންދޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ކަމަށާއި، މިގޮތުން ސަރުކާރުގެ މުއައްސަސާތަކާއި މަދަނީ، ވިޔާފާރި އަދި ޒުވާނުންގެ ޖަމްޢިއްޔާ ޖަމާއަތްތަކާއި ޕްރައިވެޓް ސެކްޓަރއާއެކު ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައްކޮށް އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭންއަކީ ރައްޔިތުން ރައްކާތެރިކޮށް، ތިމާވެށި ހިމާޔަތްކޮށް، ކުރިއަށް އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަޤްބަލެއް ވާސިލުކުރުމަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ރަމްޒުކޮށްދޭ ޕްލޭނެއް ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން