އިއްޔެ ސަރުކާރުން އިޢުލާންކުރެއްވި ފްލެޓް ލިސްޓު އެކުލަވާލެއްވުމުގައި ޒައްރެއްގެ މިންވަރެއްގެ ނުފޫޒެއްވެސް ފޯރުވާފައި ނޯންނާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ފުލެޓު ލިސްޓު ޢާންމުކުރައްވާފައި އެވަނީ، މިދިޔަ ސަރުކާރުން އިޢުލާންކުރެއްވި ލިސްޓުގައި ހުރި މައްސަލަތައް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލައި، އެ ސަރުކާރުން އިޢުލާންކުރެއްވި ޝަރުޠުތަކަށް ޕޮއިންޓްދޭން ކަނޑައަޅާފައިވާ އުޞޫލަށް ބައްލަވައިގެން ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ލިސްޓުން ބަޔަކު އުނިވެފައިވާނަމަ، އެ އުނިވީ ސަބަބުތައްވެސް އެނގޭނެ ކަމަށާއި، ހަމަ ޔަޤީނުންވެސް ގަސްދުގައި އެއްވެސް މީހަކު ލިސްޓުން އުނިކުރައްވާފައި ނުވާނޭ ކަމަށާއި، މި ސަރުކާރަކީ، ރައްޔިތުންނަށް ކަންކަން ފުރިހަމަކޮށްދިނުމުގައި އިންތިހާއަށް ޝައުގުވެރިކަންހުރެ، ހަމަހަމަކަމާއި ލޯތްބާއި ޢަދުލުވެރިކަމާއެކު ޚިދުމަތްކުރަން އައި ސަރުކާރެއް ކަމަށެވެ.
އަދި މިއީ އެމަނިކުފާނަށް ގެދޮރުވެރިކަމުގެ މަޢުލޫމާތުތައް އެނގިވަޑައިގަންނަވަން ފެއްޓެވީއްސުރެ، ނުފޫޒެއް ނުފޯރުވާ، ގެދޮރު ލިބޭނޭ މީހުންގެ ލިސްޓެއް ނެރުއްވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ރައީސް ވަނީ، އެކިއެކި ސަބަބުތަކާހުރެ ލިސްޓަށް ނޭރި ރައްޔިތުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކަނޑައެޅިފައިވާ އުޞޫލުން ޝަކުވާ ހުށަހެޅުއްވުމަށް އިލްތިމާސްކުރައްވައިފައެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ ޝަކުވާގެ މުއްދަތު ހަމަވެ، މައްސަލަތައް ބަލައި، ޙައްޤުވެރީންނަށް ފްލެޓް އެކަށައެޅުމަށްފަހު، ބާކީ ފްލެޓް ހުރިނަމަ، މި ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މިންގަނޑުތަކަށް ބެލުމަށްފަހު، ޕޮއިންޓް ލިބޭ ތަރުތީބުން ފްލެޓް ހަމަޖެހިގެންދާނެ ކަމަށެވެ.
އަދި މި ލިސްޓުގައި ނުހިމެނުނު ނަމަވެސް، މާލޭ ސަރަޙައްދުގައި ހިންގާ ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަމުގެ ފުރުޞަތު ފަހިވެގެންދާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ވެރިފިކޭޝަނަށްފަހު އިއްޔެ ފުލެޓު ލިސްޓު އާންމުކޮށްފައިވާއިރު، ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1،423 މީހުންނެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހުންނެވެ.
މި ލިޔުން ކިޔާލުމުން