Saturday, October 31
ވެރިފިކޭޝަންގެ ތެރެއިން ބަލާފައިވާނީ އެމީހަކު ހުށަހެޅި ލިޔެކިޔުންތަކަށާއި ދިން މަޢުލޫމާތުތަކަށް: ޑރ. މުއްޠަލިބް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 15 ނޮވެންބަރު 2023 ގައި ފުލެޓު ލިބޭ ކަމަށް ސަރުކާރުން ޝާއިޢުކުރި ލިސްޓު ވެރިފައި ކުރުމުގެ މަސައްކަތުގެ ތެރެއިން، ލިސްޓުގައި ތިބި ފުލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކާއި، ޕޮއިންޓް އުނިވުމުގެ ސަބަބުން ފުލެޓު ލިބޭ ވަރަށްވުރެ މަދުން ޕޮއިންޓް ލިބުނު ފަރާތްތައް ފާހަގަކުރެވިފައިވާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުއްޠަލިބް ވިދާޅުވީ، ވެރިފިކޭޝަން ޕްރޮސެސް ކުރިއަށްގެންދިއުމުގައި މައިގަނޑު ގޮތެއްގައި ބަލާފައިވާނީ 26 ޖޫން 2022 ގައި ގެޒެޓްކުރެވުނު "ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލު" އަށާއި، ގެދޮރުވެރިޔާ ޕޯޓަލްގައި ދީފައިވާ އިރުޝާދުތަކަށް ކަމަށެވެ.

އިޢުލާންކުރެވުނީ ތިން ކޮޓަރިނަމަ، 76 ޕޮއިންޓް ލިބޭ ފަރާތްތަކަށް ފުލެޓު ލިބޭނެ ކަމަށާއި، 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ބާކީހުރި ތިން ކޮޓަރީގެ ފުލެޓުތަކުގެ ގުރުއަތަކަށް ދާނެކަމަށްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ 75 ޕޮއިންޓުން މަތިން ޕޮއިންޓް ލިބުނު ކަމަށް އެ ލިސްޓުގައި ހިމެނިފައިވަނީ 3،721 ފަރާތެއް ކަމަށެވެ. އަދި އިމާރާތްކުރެވެމުންދަނީ ތިން ކޮޓަރީގެ 2،750 ފުލެޓުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިޢުލާންކުރެވުނު ދެ ކޮޓަރީގެ ލިސްޓުގައި ވަނީ 73 ޕޮއިންޓް ލިބުނުނަމަ ފުލެޓު ލިބޭނެ ކަމަށާއި، 73 ޕޮއިންޓަށްވުރެ މަތިން ލިބުނު 1218 ފަރާތެއް ލިސްޓުގައި ހިމެނިފައިވާކަން ފާހަގަކުރައްވައި ޑރ. މުއްޠަލިބް ވިދާޅުވީ މިހާރު އިމާރާތް ކުރެވެމުންދަނީ ދެ ކޮޓަރީގެ 1،250 ފުލެޓު ކަމަށެވެ.

އެހެންކަމުން، ވެރިފިކޭޝަން ކުރިއަށްގެންދިޔަ ލިސްޓުގައި ހިމެނެނީ ޖުމުލަ 4،939 ފަރާތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ވެރިފިކޭޝަންގެ ތެރެއިން ތިން ކޮޓަރީގެ ލިސްޓުން 75 ޕޮއިންޓަށްވުރެ ދަށުން ލިބުނު އެއްވެސް ފަރާތެއްގެ ފޯމު ޗެކްކުރެވިފައި ނުވާނެ ކަމަށާއި، ދެ ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓަށްވުރެ ދަށުން ލިބުނު އެއްވެސް ފަރާތެއްގެ ފޯމުވެސް ޗެކްކުރެވިފައި ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން ޑރ. މުއްޠަލިބް ވިދާޅުވީ މި ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރުމަށް އެއްވެސް ވަރަކަށް އިތުރު ފޯމެއް ބަލައިފައެއް ނުވާނެ ކަމަށެވެ.

"ލިސްޓުގައި ހިމެނޭ މި ދެންނެވި އަދަދަށް ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ފޯމުތައް ބަލައި، ޝަރުތު ހަމަނުވާ ފަރާތްތަކާއި އަދި ޕޮއިންޓް އުނިވެގެން ފުލެޓު ލިބޭ ވަރަށްވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ފަރާތްތައް މި ޕްރޮސެސް ތެރެއިން ވާނީ ފާހަގަކޮށް، ފުލެޓު ނުލިބޭ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައި"، ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުއްޠަލިބް ވިދާޅުވީ ވެރިފިކޭޝަން ޕްރޮސެސްގެ ތެރެއިން ވާނީ އެމީހަކު ހުށަހެޅި ލިޔެކިޔުންތަކާއި ދީފައިވާ މަޢުލޫމާތަށް ކަމަށާއި، ސަރުކާރުގެ ޑޭޓާބޭސްގައި ހުރި މަޢުލޫމާތު ބަލައި، މަޢުލޫމާތު ޞައްޙަތޯ ބަލާފައިވާނެ ކަމަށާއި، ވެރިފައި ކުރެވެން ހުރި މަޢުލޫމާތެއް ނަމަ ވެރިފައިކޮށްފައިވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު