Saturday, October 31
ނޫރުލް އަޛާން މުބާރާތުގެ އެއްވަނަ ސުލައިމް މުޙައްމަދު ލަޠީފަށް

މި އަހަރު އަލަށް ބާއްވަން ފެށި ނޫރުލް އަޛާން މުބާރާތުގެ އެއްވަނަ ސުލައިމް މުޙައްމަދު ލަޠީފް ޙާސިލްކޮށްފިއެވެ.

ރޭ ބޭއްވި މި މުބާރާތުގެ ފައިނަލް ރައުންޑުގައި 6 ބައިވެރިއަކު ވާދަކުރިއިރު، ބައިވެރިންނަށް ހަވާލުކުރެވުނު މަސައްކަތަކީ ޙިޖާޒް ރާގަށް ބަންގިއާއި ޤަމަތް ދިނުމެވެ.

މުބާރާތުގެ އެއްވަނަ ޙާޞިލްކުރި ސުލައިމް މުޙައްމަދު ލަޠީފަށް ޓްރޮފީއާއި ހަނދާނީ ލިޔުމުގެ އިތުރުން ހާއްސަ އިނާމުތަކެއްގެ ގޮތުގައި 75 އިންޗީގެ ޓީވީއަކާއި، ދިގުފަރު އައިލެންޑް ރިޒޯޓުގެ ސްޓޭއަކާއި، އެސްޓީއޯގެ ޚާއްޞަ އިނާމެއްވެސް ވަނީ ދީފައެވެ. މި އިނާމުތައް ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

މި މުބާރާތުގެ ދެވަނަ ޙާސިލްކުރީ ޙަމްޒާ ބިން ހަސަން ކަމަށްވާއިރު، ތިންވަނަ ހާސިލްކޮށްފައިވަނީ މުޙައްމަދު ހަނޫން ހުސައިންއެވެ. އަދި މުބާރާތުގެ ހަތަރުވަނަ ހަނީޒް ހަނީފްއަށް ލިބުނުއިރު ފަސް ވަނަ ލިބިފައިވަނީ އިސްމާޢިލް އިފްރާޙް އިބްރާހިމް އަލީއަށެވެ. އަދި ހަވަނަ ލިބިފައިވަނީ މާޠިޢު އަޙްމަދު ނާޒިމްއަށެވެ. މި ހުރިހާ ބައިވެރިންނަށްވެސް ވަނީ ޓްރޮފީއާއި ހަނދާނީ ލިޔުމާއި ޙާއްޞަ އިނާމުތަކެއް ދީފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތަކީ ރީތި ރާޤުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި، ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުޤުވެރިކަން އުފެއްދުމުގެ މަޤުޞަދުގައި ކުރިއަށްގެންދެވުނު މުބާރާތެކެވެ.

މީގެ އިތުރުން، ޤައުމުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަ ކުރުމާއި ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމާއި، މި ފަންނުގެ ރޫޙު އާލާކުރުމާއި ދިރުވުމާއި ކުރިއެރުވުމާއި އަދި މިއީ ދާއިރާއެއްގެ ގޮތުގައި ފާހަގަކޮށް މި ދާއިރާގައި އުޅުއްވާ ބޭފުޅުންގެ އަގުވަޒަންކުރުމާއި މާލެސިޓީއާއި މުޅި ރާއްޖޭގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކުރުމަކީ މި މުބާރާތުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.

މި މުބާރާތުން ވަނަތަކަށް އައި ބައިވެރިންނަށް އިނާމު ދީފައިވާއިރު، 1446 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ހަމަޖެހިފާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު