ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުޅުދުއްފުށި ސިޓީގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
މިކަމަށްޓަކައި ބުދަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޑޮލަރު އޭޓީއެމް ރަސްމީކޮށް ހުޅުއްވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަރީފެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލް އަކީ ހުރިހާ ދިވެހިންގެ ބޭންކް ކަމަށާއި، އެ ބޭންކަކީ ރައްޔިތުންގެ ކުރިއެރުމުގެ ބައިވެރިއެއް ކަމަށެވެ.
"އަޅުގަނޑުމެން ތަޢާރަފުކުރާ ކޮންމެ ޚިދުމަތަކާއި، ގެންނަ ކޮންމެ ބަދަލަކީ އެއް މަޤްޞަދަކަށްޓަކައި ކުރާ ކަމެއް. އެއީ ތިޔަ ބޭފުޅުންނަށް އިތުރަށް ޚިދުމަތް ކުރުން. ތިޔަ ބޭފުޅުންގެ ތަރައްގީ އަށް އެހީވެދިނުން."
ބީއެމްއެލް އިން މިހާރުވެސް އަންނަނީ ކުޅުދުއްފުށީގެ ދެ ތަނެއްގައި ހަތަރު އޭޓީއެމް މެދުވެރިކޮށް ރުފިޔާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ދެމުންނެވެ.
ބީއެމްއެލް އިން ބުނީ ޑޮލަރު އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ބޭރު ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ ކަމަށާއި، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކުގެ ރަސްމީ ގަޑީގެ ބޭރުން ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުމުގެ އިތުރުން އެހެނިހެން ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތްތައް ލިބޭނެ ކަމަށެވެ.
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމެއް ހުޅުވާފައިވާއިރު، ބީއެމްއެލް އިން ދަނީ އައްޑޫ، މާލެ، ހުޅުމާލެ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު އަދި މާފުށީގައިވެސް މި ޚިދުމަތް ދެމުންނެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 100 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 158 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެ ބޭންކުން ބުނެއެވެ.
މި ލިޔުން ކިޔާލުމުން