Saturday, October 31
އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއްނެތި ތަޙުޤީޤު ކުރިއަށް ގެންދާނަން: އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅިފައިވާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއްނެތި ތަޙުޤީޤު ކުރިއަށް ގެންދާނެ ކަމުގައި އެ ކޮމިޝަނުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ތުހުމަތުކޮށް އޭސީސީ އަށް ހުށަހެޅި، ތަޙުޤީޤުކުރަމުންގެންދާ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޭސީސީގެ ޤާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ކޮރަޕްޝަނުގެ ޢަމަލެއް، އެޤާނޫނުގެ 24 ވަނަ މާއްދާގައި ބުނާ ފަރާތަކުން ކުރަމުންދާކަމަށް ތުހުމަތުކޮށް މި ކޮމިޝަނަށް ހުށަހެޅިއްޖެނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމަކާ ނުލައި އެ މައްސަލައެއް ތަޙުޤީޤުކުރުމަކީ އެ ކޮމިޝަނުގެ މައްޗަށް އޮންނަ ޤާނޫނީ ޒިންމާއެއް އަދި ވާޖިބެއް ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 202 ވަނަ މާއްދާއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 21 އަދި 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިފަދަ މައްސަލަތައް ބެލުމުގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ޤާނޫނުތަކާއި ގަވާއިދުތަކުން ކޮމިޝަނަށް މަތިކޮށްފައިވާ ބާރުތަކުގެ ތެރެއިން މައްސަލަތައް ބަލަމުންގެންދާނެކަން އެ ކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ.

"މި ކޮމިޝަނަށް ހުށަހެޅި ތަޙުޤީޤުކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއްނެތި، ވަކި ފަރާތަކަށް ބުރަނުވެ ތަޙުޤީޤު ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން"، އޭސީސީގެ ބަޔާނުގައި ވެއެވެ.

އޭސީސީން މިހެން ބުނިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދުއާ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުއާ ގުޅޭގޮތުން ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކޮމިޝަނަށް ސިޓީއަކުން ދަންނަވާފައިވާތީ ކަމަށް ބުނެ ޖޭއެސްސީން ވަނީ އެ ތިން ފަނޑިޔާރުން މިއަދުން ފެށިގެން ސަސްޕެންޑްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު