ހޫނު ކުރަން ބޭނުންވާ ވަސީލަތް ލިބުން ދަތިވެ، ގަދަ ފިނީގެ ސަބަބުން ޣައްޒާގައި ކުޑަ 06 ކުދިން ނިޔާވެއްޖެ އެވެ.
ޣައްޒާގައި ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފަށް އިޒްރާއީލުން ދަނީ އެހީގެ ގާފިލާތަކަށް ހުރަސް އަޅަމުންނެއެވެ.މީގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާނާ އާއި ބޭސް ފަރުވާގެ އިތުރުން ގަދަ ފިނިން ރައްކާތެރި ވުމަށް ބޭނުންކުރާ ހެދުމުގެ އިތުރުން ހީޓަރު ފަދަ ތަކެތި ލިބުން ވަނީ ދަތިވެފައެވެ.
ޣައްޒާގެ ޗެރިޓަބްލް ހޮސްޕިޓަލްގެ ޑޮކްޓަރު ސައީދް ސަލާހް އާއި ހަވާލާދީ އަލް ޖަޒީރާ އިން ބުނި ގޮތުގައި ގަދަ ފިނީގެ ސަބަބުން އަންގާރަ ދުވަހު އުފަންވި ތުއްތު ދެ ކުދިން ވަނީ ދެ ދުވަސް ފަހުން ނިޔާވެފައެވެ.އިތުރު ދެކުދިން ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮށް ހާން ޔޫނިސް ރެފިއުޖީ ކޭމްޕްގައި ނިޔާވެފައިވާ ކަމަށްވެސް އަލް ޖަޒީރާ އިން ރިޕޯޓް ކޮށްފައި ވެއެވެ.މީގެ އިތުރުން ވެސް ގަދަ ފިނީގެ ސަބަބުން ހާލު ދެރަވެ އިތުރު 08 ކުއްޖަކަށް ފަރުވާ ދީފައި ވެއެވެ.
'' އެ ކުދިން އުފަންވުމަށް ފަހު ގަދަ ފިނިން އެކުދިން ރައްކާތެރި ކޮށްދޭން، ކުދިންގެ އާއިލާތަކަށް ކޮށްދެވޭނެ މާބޮޑު ކަންތަކެއް ނެތް، ފިނި މޫސުމުގައި ހޫނު އުފައްދަން ބޭނުން ކުރާނެ ވަސީލަތެއް ނެތް، އެހީގެ ގާފިލާ ތަކަށް ފަސޭހަ ކަމާއި އެކު ޣައްޒާގެ ދެކުނުން ހާން ޔޫނިސް އަށް ދަތުރު ކުރެވެން ނެތް'' ޑޮކްޓަރ ސައީދް ސަލާހް ބުންޏެއެވެ.
ޣައްޒާގެ އެހީގެ ގާފިލާތަކަށް އިޒްރާއީލުން ހުރަސް އެޅުމާއި، އަދި ހުޅަނގު އައްސޭރީގައި އިޒްރާއީލުން ފަށާފައި ވާ އަސްކަރީ ހަރަކާތުގެ ސަބަބުން މި ސަރަހައްދުން ސުލްހައިގެ ހުޅުކޮޅު ނިވެމުންދާ ކަމަށް އ.ދ އިން މެދު އިރުމައްޗަށް ކަނޑަ އަޅައިފައިވާ ހާއްސަ މަންދޫބް ސިގްރިޑް ކާގް ވެސް ވަނީ ވިދާޅުވެފައެވެ.
''އަހަންނަށް ހީވަނީ ދެ ދައުލަތެއް ދެމި އޮތުމުގެ ހައްލު މި ސަރަހައްދަށް ހޯދަން ކުރަމުންދާ މަސައްކަތް މި ދަނީ ނިމެން ހެން، މި ސަރަހައްދުގެ ރައްޔިތުންނަށް މި އަށް ވުރެ އަބުރުވެރި ސުލްހަވެރި ދިރި އުޅުމެއް ލިބެން ޖެހޭ، އެ މަގަށް ވާސިލް ވުމަށް ސިޔާސަތު ކަނޑަ އެޅުމުގެ ބާރު ލިބިފައިވާ އެންމެހާ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭ'' ކާގް އިތުރަށް ވިދާޅުވި އެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރާއީލުގެ އޮޕަރޭޝަން ފުޅާ ކޮށްފައިވާ އިރު މިއަދު ވެސް ވަނީ ބަޑީގެ ހަމަލާ އެއްގައި ނާބުލުސް ގައި މީހަކު ޝަހީދު ކޮށްލާފައެވެ.
މި ލިޔުން ކިޔާލުމުން