Saturday, October 31
ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު އާއްމުކުރާނެ: ރައީސް

އަންނަ ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު އާންމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ދ. ހުޅުދެލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ރޭ ދ. މީދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައިވެސް ވަނީ މި ހަފްތާ ނިމުމުގެ ކުރިން ފްލެޓް ލިސްޓް އާއްމުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް މިއަދު ވިދާޅުވީ ހައުސިންގ މިނިސްޓްރީން އަންނަ ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު އާންމުކުރައްވާނެކަމަށެވެ. ފްލެޓް ލިސްޓް އާއްމު ކުރާ އިރު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލާނެ ކަމަށެވެ.

"އަޅުގަނޑު ދެންނެވިން ރިޔާސީ ބަޔާނުގައި ރޯދައިގެ ކުރިން އެ 4000 ފްލެޓް ގެ ލިސްޓް އިއުލާން ކުރާނަމޭ. ބުރާސްފަތި ދުވަހު ހައުސިންގ މިނިސްޓްރީން، ހައުސިން މިނިސްޓަރ ބާއްވާ ޕްރެސް ކޮންފަރެންސަކަށް ފަހު އަޅުގަނޑުމެން އެ ލިސްޓް އިއުލާން ކުރާގޮތަށް އޮތީ ހަމަޖެހިފައި" ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފްލެޓް ލިސްޓްގައި ފްލެޓް ނުލިބޭ ފަރާތްތަކަށް ނުލިބެނީ ކޮން ސަބަބަކާ ހުރެ ކަން އެނގޭނެކަމަށެވެ.

ރައީސް ވިދާޅުވީ ހައުސިން މިނިސްޓްރީން ބާއްވާ ޕްރެސް ކޮންފަރެންސްގައި ހުރިހާ ތަފްޞީލެއް ލިބޭނެކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓްގެ ލިބޭމީހުންގެ ލިސްޓް ކުރިން ވަނީ އާއްމުކޮށްފައެވެ. ނަމަވެސް އާއްމުންގެ ޝަކުވާބޮޑުވެ އޭސީސީން ވަނީ އެމައްސަލަ ބަލާ ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް ނިންމާފައެވެ. އެހެން ކަމުން ލިސްޓް ރިވިއު ކުރުމަށް ފަހު އަލުން އަދި އާއްމު ނުކުރާތީ ގިނަ ބަޔަކު ދަނީ ފްލެޓް ލިސްޓް އާއްމުކުރާނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު