Saturday, October 31
އެފްޕީއޭ އިން ލާމަރުކަޒީ ޤާނޫނު އިނގިރޭސި ބަހަށް ތަރުޖަމާ ކުރަނީ

ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދަން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން އިޢުލާންކޮށްފިއެވެ.

އެފްޕީއޭ އިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ލާމަރުކަޒީ ޤާނޫނާއި، އެ ޤާނޫނަށް މިހާތަނަށް ގެނެވިފައިވާ އިޞްލާޙުތައް، ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެފްޕީއޭ އިން ބުނީ އަމިއްލަ ފަރުދަކަށް ނުވަތަ ވިޔަފާރިއަކަށްވެސް މި މަސައްކަތަށް ކުރިމަތިލެވިދާނެ ކަމަށާއި، މަސައްކަތަށް ކުރިމަތިލާ ފަރާތަކީ ޤާނޫނީ ދާއިރާއިން އެންމެ މަދުވެގެން އެމްއެންކިޔުއެފް ލެވެލް 7 ގެ ސަނަދެއް އޮތް ފަރާތަކަށް ވާންވާނެ ކަމަށެވެ. އަދި މި މަސައްކަތަށް ވިޔަފާރިއަކުން ކުރިމަތިލާނަމަ، އެ ވިޔަފާރިއެއްގެ ފަރާތުން މި މަސައްކަތް ކުރާނެ ފަރާތެއް ނުވަތަ ފަރާތްތައް ސާފުކޮށް ބަޔާންކޮށްފައިވާންވާނެ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

މަސައްކަތް ފުރިހަމަވާއިރު ތަރުޖަމާ ކުރެވިފައިވާ ލިޔުމުގެ ފެންވަރު ފެތެންވާނެ މިންގަނޑު:

  • ތަރުޖަމާ ކުރުމަށް ހަވާލުކުރެވޭ ލިޔުމުގެ އަސްލާއި އެއްގޮތަށް، އަސްލާއި ޚިލާފު މާނައެއް ދޭހަ ވެދާނެ ފަދަ އެއްވެސް އުނި އިތުރެއް ނުވާހެން ތަރުޖަމާ ކުރެވިފައި ހުރުން.
  • ތަރުޖަމާ ކުރެވިފައިވާ ލިޔުން އޮންނަ ބަހުގެ ގަވާއިދާއި ހަމަތަކަށް ފެތޭ، އަދި ލިޔުމުގެ ކުށް ނުހިމެނޭ ފަދަ ރަނގަޅު ފެންވަރަކަށް ތަރުޖަމާ ކުރެވިފައި ހުރުން.
  • ތަރުޖަމާކުރުމަށް ހަވާލު ކުރެވޭ ލިޔުމުން ދޭހަކޮށްދޭން ބޭނުންވާ ކަންކަން ސާފު ބަހުން އަދި އާންމުންނަށްވެސް ފަސޭހައިން ދޭހަވާ ފަދަ ފެންވަރަކަށް ތަރުޖަމާ ކުރެވިފައި ހުރުން. މިގޮތުން ޓެކްނިކަލް ބަސްތައް އެއް ބަހުރުވައިން އަނެއް ބަހުރުވައަށް ސީދާ ތަރުޖަމާ ކުރެވެން ނެތް ނަމަ، އެ ބަސްތަކުގެ މާނަ ފަސޭހައިން ދޭހަވާ ފަދަ ގޮތަކަށް ތަފްސީލު ކޮށްދެވިފައި ވާންވާނެއެވެ.

އެފްޕީއޭ އިން ވަނީ މި މަސައްކަތާ ގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ، މާރިޗު 4 ވަނަ ދުވަހުގެ 10:00 ގެ ކުރިން އެ އޮތޯރިޓީއަށް އީމެއިލް ކުރުމަށް އެދިފައެވެ. މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މާރިޗު 6 ވަނަ ދުވަހުގެ 11:30 ގައި އެ އޮތޯރިޓީގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު