Saturday, October 31
ރޯދަ މަހު ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅައިފި

ރޯދަ މަހު ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅައިފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، އަދި ޝައްވާލް މަހުގެ 1 އިން 7 ވަނަދުވަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ 09:30 އިން 16:30 އަށް އަދި 20:00 އިން 06:00 އަށް ކަމަށެވެ. އަދި މި މުއްދަތުގައި 06:00 އިން 09:30 އަށް އަދި 16:30 އިން 20:00 އާ ދެމެދު ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލުން މަނާވާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން އެ ވުޒާރާއިން ހާމަކުރި ގޮތުގައި ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް، ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ 06:00 އިން 16:30 އަށް އަދި 20:00 އިން 06:00 އަށް ކަމަށެވެ. އަދި މި މުއްދަތުގައި 16:30 އިން 20:00 އާ ދެމެދު ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލުން މަނާވާނެ ކަމަށެވެ.

އެ ވުޒާރާއިން ވަނީ މި އެންގުމާ ޚިލާފުވާ ފަރާތްތަކަށް ޤާނޫނު ނަންބަރު 5/2009(އެއްގަމު ދަތުރުފަތުރުގެ ޤާނޫން) ގެ 3 ވަނަ މާއްދާގެ (ހ) އިންބާރުލިބިގެން އެ ޤާނޫނުގެ 68 ވަނަ މާއްދާގެ ދަށުން -/750 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެ، އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މިގޮތަށް ޢަމަލުކުރުމަށް އަންގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު