ދ. ބަނޑިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމެއް ޤާއިމުކޮށްފިއެވެ. ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަނޑިދޫގައި އައު ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމެއް ޤާއިމްކުރުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ. އަދި މި ޚިދުމަތާއެކު ރައްޔިތުންނަށް މިހާރު މުހިންމު މާލީ ޚިދުމަތްތަކަށް ވާސިލުވުން ފަސޭހަވެ، ދަތުރުކުރަން ޖެހޭ މިންވަރު މަދުވެ، ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިންގ މުޢާމަލާތްތައް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް އަޅުގަނޑުމެން ދާނީ ކުރަމުން."
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 97 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 154 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތަކެއް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށް ކަމަށެވެ.
މި ލިޔުން ކިޔާލުމުން