Saturday, October 31
އެންސިސްގެ އުފެއްދުންތައް ޗައިނާ މާކެޓަށް ނެރުމަށް ނިންމުމުން އިކޮނޮމިކް މިނިސްޓަރު މަރުހަބާ ދަންނަވައިފި

އެންސިސްގެ އުފެއްދުންތައް ޗައިނާ މާކެޓަށް ނެރުމަށް ނިންމުމުން މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު މަރުހަބާ ދަންނަވައިފި އެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ވިދާޅުވީ ދިވެހިންގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ފަސޭހަކަމާއި އެކު ޖާގަ ލިބި ލުއިގޮތްތަށް ހޯދަވައިދެއްވުމުގައި، ރައީސް ޑރ. މުއިއްޒު އަޅުއްވަމުން ގެންދަވާ އަވަސް ފިޔަވަޅު ތަކުގެ ނަތީޖާ ފެންނަމުން ދާ ކަމަށެވެ.

އަދި މިނިސްޓަރުވަނީ އެންސިސް އަށް މަރުހަބާ ދަންނަވާފައެވެ.

https://twitter.com/em_saeed/status/1892925770835566873

ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

ޗައިނާގެ ބެއިޖިންގައި ބޭއްވި މި ރަސްމިއްޔާތުގައި އެންސިސް ފިޝަރީޒްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ހުސައިން އަފީފްއެވެ. އަދި ޒިންޖުއާން ސޯވް ބެއިޖިން ކޮމާޝަލް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން ލިން ޔުޗެންޖްއެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން ދަޅުމަހާއި ގަނޑުކުރި ރޯމަސް ފަދަ ބާވަތްތައް ޗައިނާގެ ބެއިޖިންއަށާއި އެ ސަރަޙައްދުގެ ޕްރޮވިންސްތަކަށް އެކްސްޕޯޓްކުރެވޭނެއެވެ. އަދި މި އުފެއްދުންތައް ޗައިނާގައި އޮންލައިންކޮށްވެސް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކާއި އެހެނިހެން މުދާ ރާއްޖޭގައި ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މީގެ ސަބަބުން އައު ވިޔަފާރިތަކާއި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، 1.41 ބިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮތް ޗައިނާގެ މާކެޓަށް ވަނުމުގެ ފުރުސަތު ލިބުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމުގައި އިޤްތިޞާދީ މާހިރުން ފާހަގަކުރައްވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު