Saturday, October 31
އިތުރު 7 ފަޅުރަށް ހޯދުމަށް ފަސް ކައުންސިލަކުން އެދިއްޖެ

ކައުންސިލްތައް މާލީ ބާރުވެރިކުރުވުމަށް ފަޅުރަށްތައް ދޫކުރުމަށް ނިންމާފައިވާ ނިންމުގެ ދަށުން އިތުރު 7 ފަޅު ރަށް ހޯދުމަށް ފަސް ކައުންސިލަކުން ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓްރީގައި އެދިއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ  ވަރަށް ގިނަ ކައުންސިލްތަކުން ފަޅުރަށްތައް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށެވެ. އެގޮތުން އިތުރު 5 ކައުންސިލަކުން 7 ރަށެއް ހޯދުމަށް މިހާރު ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ.

"މިހާރުވެސް އަނެއްކާވެސް އެބަހުރި އިތުރު 5 ކައުންސިލަކުން 7 ރަށް ހޯދުމަށް ހުށައަޅާފައި. އެއީ ހދ.އަތޮޅު ކައުންސިލުން ހދ.ފަރިދޫ، ރ.ދުވާފަރު ކައުންސިލުން ރ.އެނބޫދޫ، ފ.އަތޮޅު ކައުންސިލުން ފ.މަކުނުއެރި، ގދ.ދެއްވަދޫ ކައުންސިލުން ގއ.ވިލިގަލާ އަދި ގދ. އަތޮޅު ކައުންސިލުން ގދ. މާނައިދޫ، ވާރެޔާދޫ އަދި ލޮނުދޫ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާމްދަނީ ހޯދުމަށް ފަޅުރައްތައް ހޯދުމަށް  މީގެ ކުރިން އެދިފައިވާ 3 ކައުންސިލަށް 4 ފަޅުރަށް ވަނީ ދޫކޮށްފައެވެ. އެއީ ދ. ކުޑަހުވަދޫ ކައުންސިލުން އެ އަތޮޅު މިނިމަސްގަލި އަދި ފެންފުށި އެވެ. ރ އިނގުރައިދޫ ކައުންސިލުން އެ އަތޮޅުގެ ފަޅުރަށެއްކަމަށްވާ ނެޔޮ އަދި ލ މާވަށު ކައުންސިލުން އެ އަތޮޅު ގެ ފަޅުރަށެއް ކަމަށްވާ ބޮޑުމާބުޅާލިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން، 28 ރަށެއް ކައުންސިލްތަކަށް ދޫކުރުމަށް ސަރުކާރުން ވަނީ ހުޅުވާލާފައެވެ.

ކައުންސިލްތަކުން އެދޭ، އެ އަތޮޅެއްގައި ހިމެނޭ ރަށްރަށާއި ފަޅުތަކުގެ ތެރެއިން، އާމްދަނީ ހޯދުމަށް އެ ކައުންސިލަކަށް ރަށެއް ނުވަތަ ފަޅެއް ވަކި އުސޫލުތަކެއްގެ ދަށުން ލިބޭނެގޮތެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސާފައެވެ.  ގާނޫނު ބުނާގޮތުން، މީހުން ދިރިއުޅޭ ރަށްރަށާ 700 މީޓަރާ ހަމައަށް ހުންނަ ފަޅު ރަށްރަށާއި ފަޅުތައް އެއީ އެ ރަށްރަށުގެ އިޚްތިސާސް ތެރޭގައި ހިމެނޭ ތަންތަނެވެ. އަދި އޭގެ ބޭރުން ވެސް ބައެއް ރަށްރަށުގެ އިޚްތިސާސްގެ ތެރެއަށް ރަށްރަށް ހިމަނާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު