Saturday, October 31
ޤާސިމްގެ ޚަރަދުގައި މާމިގިލި ޕޮލިސް ސްޓޭޝަން އެޅުމަށް ހުށަހަޅުއްވައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، ޤާސިމް އިބްރާހީމްގެ ކުންފުނި ކަމަށްވާ ވިލާ ފައުންޑޭޝަންގެ ސްޕޮންސަރޝިޕްގެ ދަށުން، ޤާސިމްގެ އުފަން ރަށް، އދ. މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢުގެ އަރިހުގައި އެދިވަޑައިގެންފިއެވެ.

ސީޕީ ޝުޖާޢުއަށް އެޑްރެސްކުރައްވައި ޤާސިމް ފޮނުއްވި ސިޓީގައި ވިދާޅުވީ، މާމިގިއްޔަކީ އެ ސަރަހައްދުގެ ހަތަރު އަތޮޅަށް ބަލާއިރުވެސް ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުން އެންމެ ބޮޑު ކަމަށްވެފައި، އެ ރަށުގައި ބައިނަލްއަޤްވާމީ އެއާޕޯޓެއް ޤާއިމްވެފައިވާއިރު، އެ ރަށުގެ ވަށައިގެން ގިނަ އަދަދެއްގެ ރިސޯޓުތަކެއް ހިންގާތީ ޚިދުމަތް ހޯދަން ގިނަ ބަޔަކު މާމިގިއްޔަށް ޒިޔާރަތްކުރާ ކަމަށެވެ. އަދި ވަޒީފާއާއި އެކިއެކި މަސައްކަތްތެރިން ހިމެނޭހެން މާމިގިލީގައި ދިރިއުޅޭ އާބާދީއަކީ ބޮޑު އާބާދީއެއްކަން ޤާސިމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ، އދ. އަތޮޅުގެ ކްރައިމް ރޭޓު އެންމެ މަތި ރަށަކަށް މާމިގިލިވެފައިވުމާއެކު، ފުލުހުންގެ ޚިދުމަތް ދިނުމަށް ސަރަހައްދީ ފެންވަރުގެ މަރުކަޒެއް އެ ރަށުގައި ހުންނަންޖެހޭ ކަމަށް އެކި ފަހަރު މަތިން ވަނީ ވާހަކަދެކެވިފައެވެ.

އެގޮތުން މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އެޅުމަށް މިދިޔަ ފަސް އަހަރުގައިވެސް ބަޖެޓުގައި ހިމަނާފައި ވީނަމަވެސް، މިއަދާ ހަމައަށްވެސް އެ މަސައްކަތް ފެށިފައި ނުވާތީ، މާމިގިލީގެ ފުލުހުންގެ މަރުކަޒު އެޅުމަށް އުޅެމުންދާ ދަތި ހާލު ވަޒަންކުރެއްވޭ ކަމަށް ޤާސިމް ވިދާޅުވިއެވެ.

އެހެންކަމުން، ސީޕީ ހުއްދަ ދެއްވައިފިނަމަ، މާމިގިލީގައި އެޅުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު ވިލާ ފައުންޑޭޝަންގެ ސްޕޮންސަރޝިޕްގެ ދަށުން އިމާރާތް ކުރުމަށް ނިންމަވާފައިވާ ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އިމާރާތް ކުރުމަށް ބޭނުންވާ ކުރެހުމާއި އިމާރާތް ހެދުމަށް ސްޕޮންސަރޝިޕް ޤަބޫލުކުރި ކަމުގެ ލިޔުން ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް ޤާސިމް ވަނީ އެދިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު