Saturday, October 31
ޒަކާތު ހައުސަށް ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ޤާއިމްކުރަނީ
ޒަކާތު ހައުސަށް ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް ނިންމައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސަށް މުދަލު ޒަކާތުގެ ފައިސާގެ އިތުރުން ޞަދަޤާތައި ޚައިރަތާއި ހިބައާއި މި ނޫން ވެސް ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް އަންނަ ހަފުތާގައި ޤާއިމު ކުރެވިގެންދާނެ ކަމަށެވެ. އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މީގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުން ހެޔޮކަންކަމަށް ކުރާ ހޭދަ ރާއްޖޭގައި ބޭނުންޖެހިފައިވާ ދާއިރާތަކަށް ހޭދަކުރުމުގެ ނިޒާމެއް އުފެއްދުމެވެ. ހެޔޮކަންކަމަށް ހޭދަކުރުމުގެ ޙާޖަތު ރާއްޖޭގައި ވަރަށް ބޮޑަށް އޮތް ހިނދު، ރާއްޖޭގެ މުޖުތަމަޢު ހެޔޮ ގޮތުގައި ބިނާކުރަން އިސްކަން ދިނުން މުހިންމު ކަމަށް އެ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން ވަރަށް ގިނަ ރަށްރަށަށް މިސްކިތްތަކާއި ޤުރުއާން ކްލާސްތަކާއި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދަންޖެހިފައިވާ ކަމަށާއި، ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރަމުން ދަނީ އިސްލާމީ ދުނިޔޭގެ ނަމޫނާ ޒަކާތުގެ އިދާރާއެއް ކަމުގައިވާ ކުވޭތު ޒަކާތު ހައުސް ނަމޫނަ އަކަށް ބަލައިގެން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު