Saturday, October 31
ޤާރީންގެ ދަތިކަން އޮތް ހަ ރަށަކަށް ރާއްޖެއިން ބޭރުގެ ޤާރީން މިއަދު މާލެ އަންނަނީ
ޤާރީންގެ ދަތިކަން އޮތް ހަ ރަށަކަށް ރާއްޖެއިން ބޭރުގެ ޤާރީން މިއަދު މާލެ އަންނާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން މިއަދު ބުނީ ޤުރުއާން އުނގަންނައިދިނުމުގައި ޤާރީންގެ ދަތިކަށް އޮތް ރަށްތަކުގެ ތެރެއިން ހަރަށަކަށް، ރާއްޖެއިން ބޭރުގެ ޤުރުއާން ހިތުދަސް ޤާރީން މިއަދު މާލެ އަންނާނެ ކަމަށާއި، މި ބޭފުޅުން އެ ރަށްތަކުގައި ޤުރުއާން މަރުކަޒުގެ ގޮފިތަކުގައި ކިޔަވައި ދިނުމުގެ އިތުރުން މިސްކިތުގައި ޤުރުއާން ހިތު ދަސްކުރާ ކްލާސްތައް ހިންގާނެ ކަމަށެވެ. މީގެ އިތުރުން މިކަންކަން ކުރިއަށްދާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުން ކަމަށާއި، މި މުދައްރިސުންނަށް މުސާރަ ދެވޭނީ ޤުރުއާން މަރުކަޒު މެދުވެރިކޮށް ޒަކާތު ފަންޑުގެ ފީ ސަބީލިﷲ ބައިން ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ. "އިރާދަ ކުރެއްވިއްޔާ މިދަތިކަން ހައްލުވެ ރަށްތަކުގައި މީހުން އުފެދެންދެން މިކަންކަން ދެމިއޮންނާނެ"، އެ ވުޒާރާއިން ބުނެފައިވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މި ދަތިކަން އޮތް ހުރިހާ ރަށެއްގައި މި ދައުރުގައި މިކަން ޙައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށާއި، ހިލޭ ސާބަހަށް ޤުރުއާން އުނގަންނައި ދިނުން ފުޅާ ކުރުމަކީ ރައީސް ޑރ މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެއް ކަމަށެވެ. މީގެ އަހަރު ތަކެއް ކުރިން ބޮޑެތި މިސްކިތްތަކުގައި ހިފްޒުކޮށް ތަރާ ވީސް ކުރަން ވަރަށް ގިނަ ފަހަރު ބޭރު މީހުން ގެނެވިފައި ވީނަމަވެސް، ހާފިޒުން އުފެއްދުމުގެ މަޝްރޫޢުތައް ފަށައި ކުރެވުނު މަސައްކަތްތަކުން މިކަމުގައި މިއަދު ހެޔޮ ނަތީޖާ ފެންނަމުންދާކަމީ ކޮންމެ މީހަކު އުފާ ވާނެ ކަމެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ. ޒުވާން ޙާފިޒުންގެ ތެރެއިން ވަރަށް ގިނަ ޙާފިޒުންނަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ 500 ހާފިޒުންގެ މަޝްރޫޢުގެ ދަސްވެނިން ކަމުގައިވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު